ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އެހީ ލިބެން ނުޖެހޭ އެކިއެކި ފަރާތްތަކަށް އެހީގެ ގޮތުގައި 18،466،814 (18.4 މިލިއަން) ރުފިޔާ ދޫކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު ވަނީ އެންސްޕާގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް އެންސްޕާއިން ވަނީ 18،466،814 ރުފިޔާ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް އެހީގެ ގޮތުގައާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޫކޮށްފައެވެ.

  • އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް 10،621،020 ރުފިޔާ
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް އެހީއަށް 7،611،500 ރުފިޔާ
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 234،294 ރުފިޔާ

އެއީ އެންސްފާއިން އެ ފަރާތްތަކަށް އިތުރަށް ދޫކޮށްފައިވާ ފައިސާ ކަމަށް ރިޕޯޓުގައިވެއެވެ.

"އެހީގެ ގޮތުގައި އެކި ފަރާތްތަކަށް އެންސްޕާއިން ދޭ ފައިސާ އިތުރަށް ދެވިފައިވަނީ، އެހީ ލިބޭ ފަރާތްތަކުގެ ހާލަތު ބަދަލުވުމަށްފަހު ނުވަތަ ނިޔާވާ ފަރާތްތަކުގެ މައުލޫމާތު އެންސްޕާއާއި ފަސޭހަކަމާއެކު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމުންކަން ފާހަގަކުރަމެވެ..،" އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތަށް އިތުރަށް ދެވޭ ފައިސާ އަނބުރާ ހޯދަން އެންސްޕާގައި ރިކަވަރީ ޔުނިޓެއް ހުންނަ ކަމަށާއި ނަމަވެސް އެ ޔުނިޓުގައި މަސައްކަތްކުރަނީ އެންމެ މުވައްޒަފަކަށްވުމުން، ފައިސާ އަނބުރާ ހޯދުމުގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވޭ ކަމަށް އެންސްޕާގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

އެންސްޕާއަށް 31 ޑިސެމްބަރު 2022ގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އޮޑިޓުން ސާމްޕަލްގެ ގޮތުގައި ޗެކްކުރެވުނު 504،500 ރުފިޔާއަކީ 2015، 2016 އަދި 2018 ވަނަ އަހަރު ދީފައިވާ އެހީގެ ފައިސާގެ ތެރެއިން އިތުރަށް ދޫކުރި ފައިސާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އެއިން އެއްވެސް ފައިސާއެއް އެންސްޕާއަށް އަނބުރާ ހޯދިފައިނުވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

އެންސްޕާއިން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.