ހުޅުމާލޭގައި ހަދަމުން އަންނަ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފުލެޓު އެއްބަސްވުމުގައި ސޮއިކުރަން ފެށޭނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.
އެފްޑީސީން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ، ފުލެޓުގެ އެއްބަސްވުންތައް ޕްރިންޓުކޮށް ނިންމާފައިވާ ކަމަށާއި ލިސްޓުގެ ކަންކަން ނިމޭތާ ތިން ދުވަހުގެ ތެރޭގައި ސޮއިކުރަން ފެށޭނެ ކަމަށެވެ.
ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އަންނަނީ 4،000 ފުލެޓު އަޅަމުންނެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފުރަތަަމަ ފިޔަވަހީގެ ދަށުން ފުލެޓަށް އެދި ޖުމުލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 14،489 މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލި 6،208 މީހުންނެވެ. ފުލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 13،000 މީހުންނެވެ.
ކުރީ ސަރުކާރުން ވަނީ، އެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު އާންމުކޮށް ބައެއް މީހުންނަށް ލިޔުން ވެސް ދީފައެވެ. ނަމަވެސް، އޭސީސީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފުލެޓު ދިނުން މަޑުޖައްސާލަން އަންގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު