(19 ޖެނުއަރީގެ އަދަދާ ގުޅޭ)
އެކަމަނާ زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه އާ ކާވެނިބެއްލެވީވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމަށް ބާރުއަޅުއްވައިގެންނެވެ. ކަންމިހެން ހުރިއިރު، އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމަނާގެ ރީތިފުޅުކަމާހުރެ އެކަމަނާއާ ހިތްޕުޅާހަމަކުރައްވައިގެން ކާވެނިބައްލަވައިގެންނެވިނަމަ، ކާވެނިބައްލަވައިގަންނަވާނީ އެކަމަނާގެ އުމުރުފުޅުން 36 އަހަރުފުޅު ފުރި، ޢަރަބިކަރައިގެ ހޫނު ވެށީގައި އަންހެނުންގެ ރީތިކަން މެދުންލަނބައިލާ އުމުރުފުޅަށް އައުމަކުން ނޫނެވެ. އިތުރު ސާހިބާ އަމިއްލަފުޅަށް އެކަމަނާއަށް ބާރުއަޅުއްވައިގެން މީހަކާ ކާވެނިކޮށްދެއްވައި، އެކަމަނާގެ ފިރިކަލުން އެކަމަނާ ވަރިކުރެއްވުމަށްފަހަކު ނޫނެވެ.
ށ. އޮރިއެންޓަލިސްޓުންގެ ދެވަނަ އިޢުތިރާޟަކީ، އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަލޭގެފާނުގެ ދަރިކަލަކަށް ހައްދަވައިފައިވާ زيـــد ވަރިކުރެއްވި ބޭކަނބަލަކާ ކާވެނިބެއްލެވުމެވެ. އިސްލާމްދީނުގެ ޢަދުއްވުން އެ ކާވެނިފުޅާ ވިދިގެން އަޑުއަރުވަމުން ގެންދިޔަ ގޮތުގައި، އެ ކާވެނިފުޅަކީ "ޅީދަރިކަނބަލަކާ" ކާވެނި ބެއްލެވުމެވެ.
މި ހާދިސާގެ ޙަޤީޤަތަށް ނަޒަރު ހިންގާއިރު، މި ހާދިސާ ހިނގައިފައިވަނީ މިދަންނަވާ ގޮތަށެވެ. زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه އަކީ، އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުން ޤުޟާއަތުވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ މައިކަނބަލުން سـعـــدة بـنت ثـعــلـبـة އަކީ ބަނީ މަޢުނުވަންހައިގެ ބޭކަނބަލެކެވެ. މަޢުނުވަންހައަކީ ޠައްޔުވަންހައިގެ ގޮތްޕެކެވެ. އެހެންކަމުން އެކަލޭގެފާނަކީ ދެފަރާތްޕުޅުންވެސް ޢަރަބީންގެ ތެރެއިން ނަސަބުން އަރައިހުންނެވި ބޭކަލެކެވެ. زيـــد ގެފާނުގެ ތުއްޕުޅުއިރު މައިކަނބަލުންގެ އަރިހުގައި އެކަމަނާގެ ޤަބީލާގެ މީހުން ދިރިއުޅޭ ރަށަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެދަތުރުފުޅުގައި މަގުފޭރޭ މީހުން އެކަލޭގެފާނު ވަގަށްނަގައިގެން ޢުކާޡުގެ ބާޒާރަށް ގެންގޮސް ވިއްކައިލިއެވެ. ޢުކާޡުގެ ބާޒާރުން އެކަލޭގެފާނު ބައްލަވައިގެންނެވީ حــكــيــم بـــن حــــــزام رضـــــى اللّــــه عــنــــه އެވެ. حــكــيــم އެކަލޭގެފާނުގެ ބޮޑުދައިތާފުޅު أمّ المــؤمــنـــيـــن السّــيّــدة خــديجــــة رضـــى الـلّــه عــنـــهـــا އަށް އެކަލޭގެފާނު ވެދުމަށް އެރުއްވިއެވެ. އޭރު زيـــد ގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް ނުވަވަރަކަށް އަހަރުފުޅެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ، أمّ المــؤمــنـــيـــن السّــيّــدة خــديجــــة رضـــى الـلّــه عــنـــهـــا އާ ކާވެނިބައްލަވައިގެންނެވުމަށްފަހު، އެކަމަނާ زيـــد بـــن حـــارثــــة ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ހިބަކޮށްދެއްވިއެވެ.
އެއްފަހަރަކު މައްކާއަށް ޙައްޖަށް އައި ކުލަބުވަންހައިގެ ބަޔަކަށް زيـــد بـــن حـــارثــــة ފެނިފައި، އެބައިމީހުންނަށް އެކަލޭގެފާނު ފާހަގަކުރެވިއްޖެއެވެ. އެމީހުން ރަށަށްގޮސް، زيـــد ގެފާނުގެ ބައްޕަ حـــارثـــة بـــن شـــرحبــيـــل އަށް އެ ޚަބަރު ދިނެވެ. حـــارثـــة، އޭނާގެ އަޚު كــعب بـــن شـــرحبــيـــل އާއެކު زيـــد ގެފާނު ބަލައި މައްކާއަށް ވަޑައިގެންނެވިއެވެ. އެދެބޭން އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ފައިންޕުޅު ދެކެފައި، زيـــد މިނިވަންކޮށްދެއްވުންއެދި ދެންނެވިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، زيـــد ގެފާނަށް އިޚްތިޔާރު ދެއްވިއެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅާއެކު މިނިވަންކަމާއެކު އަމިއްލަފުޅު ރަށަށް ވަޑައިގަތުމާއި، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި ހުންނެވުމާ ދެގޮތުންކުރެ އެއްގޮތެއް ޚިޔާރު ކުރެއްވުމުގެ އިޚްތިޔާރެވެ. زيـــد ގެފާނު ޚިޔާރުކުރެއްވީ، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާގެ ޚިދުމަތުގައި ދެމިހުންނެވުމެވެ. ނަތީޖާއެއްގެ ގޮތުން، އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ، زيـــد ގެފާނު މިނިވަންކުރައްވައި، އެޒަމާނުގެ އާދަކާދައިގެމަތީން زيـــد ގެފާނު ދަރިކަލަކަށް ހެއްދެވިއެވެ. زيـــد بـــن حـــارثــــة ، زيـــد بـــن محـمّــد ގެ ނަންފުޅުން މަޝްހޫރުވިއެވެ. މި ހާދިސާ ހިނގައިފައިވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނަބީކަމާއިގެން ފޮނުއްވުމުގެ އެތައް އަހަރެއްގެ ކުރީންނެވެ.
އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އިސްލާމީ އުންމަތް ތަހްޒީބު ކުރައްވައި، ޖާހިލިއްޔަތުގެ ބޮޑާކަމާއި، ނަސަބާއި ހަސަބާހުރެ ފަޚުރުވެރިވުމުގެ އާދަ އުވާލެއްވުމުގެ ފިޔަވަޅުތައް އެޅުއްވިއެވެ. އެންމެހައި އިންސާނުން އެއްމަންމައަކާއި އެއްބައްޕައެއްގެ ދަރީންކަމުގައި ހެއްދެވުމަށްޓަކައި، އިތުރު ސާހިބާގެ ބޮޑުދައިތާފުޅު أمـيمــة بـنت عــبــد المـطّـلـــب ގެ ދަރިކަނބަލުން زيـنـب بـنت جحش އާ زيـــد އާ ކާވެނިކޮށްދެއްވަން ޤަސްދު ކުރެއްވިއެވެ. زيـنـب އަކީ އެކަމަނާގެ ބައްޕާފުޅުގެ ފަރާތްޕުޅުން މުޟަރުވަންހައިގެ ޢިއްޒަތްތެރި ގޮތްޕެއްކަމުގައިވާ އަސަދު ބިން ޚުޒައިމާ ވަންހައިގެ ބޭކަނބަލެކެވެ. މައިކަނބަލުންނަކީ ހާޝިމްވަންހައިގެ ބޭކަނބަލެކެވެ. އަނެއްކޮޅުން زيـــد ގެފާނަކީ އެކަލޭގެފާނުގެ ނަސަބުން އަރައިހުންނެވި ހުންނެވުމާއި އިސްލާމްކަމުގެ އިސްކަމާއި، ކައުސާހިބާއަށް ވަފާތެރިވެވަޑައިގަތުމާ އެކުވެސް މިނިވަންވެފައި ހުންނެވި އަޅެކެވެ. މަވާލީއެކެވެ. ޔަމަނީއެކެވެ. އެހެންކަމުން، އެޒަމާނުގެ އިޖްތިމާޢީ މިންގަނޑުން އެދެފަރާތުގެ ޙައިޘިއްޔަތު، އުޑާއި ބިމާހައި ފަރަގެވެ. ޖާހިލީ މިންގަނޑުން ބަލާއިރު، زيـنـب އާއި، زيـــد އަކީ ކުފޫހަމަވާ ދެފަރާތްކަމަކަށް زيـنـب އަކަށް ޤަބޫލެއް ނުކުރެއްވުނެވެ. زيـنـب ގެ ޢާއިލާގެ ބޭފުޅުންވެސް އެކާވެނިފުޅަކާ ރުހިވަޑައެއް ނުގެންނެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމަށް ވަރަށްބޮޑަށް ބާރުއެޅުއްވިއެވެ. އިރްޝާދު ދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. ކާވެނިކުރުމުގައި ބައިވެރިޔާގެ ދީންވެރިކަމާއި، އަޚްލާޤު ފިޔަވައި އެހެނިހެން މިންގަނޑުތަކަކުން ކުފޫހަމަކުރާނަމަ، މުޖްތަމަޢުގައި ޢާއްމުވާނީ ފަސާދައެވެ. ނަމަވެސް، السّــيّــدة زيـنـب އާއި އެކަމަނާގެ ޢާއިލާއިން އެކާވެންޏަށް ރުހޭބަސްފުޅެއް ނުދެއްވިއެވެ.
އެކަމާވިދިގެން ކީރިތި ޤުރްއާނުގެ ســــورة الأحـــــزاب ގެ 35 ވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގެ އަޞްލު ރޫޙަކީ، ނުވަތަ މަފްހޫމަކީ އިސްލާމީ ނަޒަރިއްޔާއާއި، އިސްލާމީ ފިކުރާއި، އިސްލާމީ ޝަޚްޞިއްޔަތުގެ ވެރި މުސްލިމުންނަކީ ހަމަހަމަ ބައެއްކަން އެންގެވުމެވެ. އެބައިމީހުންގެ މެދުގައި އޮންނަންޖެހެނީ ގާތްކަމާއި، ލޯތްބާއި، ހިތްހެޔޮކަމުގެ ގުޅުންކަން ބަޔާންކުރެއްވުމެވެ. އޭގެތެރެއިން އެއްބަޔަކީ، އަނެއްބަޔަކު ޤަދަރުކުރަންޖެހޭ ބައެއްކަން އެންގެވުމެވެ. ޢާއިލީ ބޮޑާކަމާއި، އިމްތިޔާޒާއި، ޖާހިލީ އަސަބިއްޔަތަށް ކުޑަވެސް ޖާގައެއް ނެތްކަން ބަޔާންކުރެއްވުމެވެ. އޭގެ އެއްބަޔަކު އަނެއްބަޔަކާ ކުފޫހަމަވާކަން އެންގެވުމެވެ.
ކީރިތި ޤުރްއާނުގައި މި އިރްޝާދުން އެކަނި ފުއްދައެއް ނުލެއްވިއެވެ. ســــورة الأحـــــزاب ގެ 36 ވަނަ އާޔަތުގައި ވަކީން ޞަރީޙަކޮށް އެކަން އެންގެވިއެވެ. މާތް اللّــــه އާއި އެކަލާނގެ ރަސޫލާ، ކަމެއް ވަކިގޮތަކަށް ކުރުމަށް އަންގަވާހިނދު، އީމާންވެގެންހުރި ފިރިހެނަކަށްވެސް އީމާންވެގެންހުރި އަންހެނަކަށްވެސް އެގޮތަކާ ޚިލާފަށް ތިމާމެންގެ އަމިއްލަ ނިންމުމެއް ނިންމުމުގެ ޖާގައެއް ނެތްކަން އެންގެވިއެވެ. އެގޮތުން މާތް اللّــــه އާއި އެކަލާނގެ ރަސޫލާއަށް ނުކިޔަމަންތެރިވާ މީހުން އެދަނީ ފާޅުވެގެންހުރި މަގުފުރެދުމަކުން މަގުފުރެދިގެންކަން ބަޔާންކުރެއްވިއެވެ. އަރަހުށި މާތް اللّــــه މުސްލިމުންގެ މެދުގައި ހުޅުއްވައިލެއްވި ކާވެނީގެ ހަމަހަމަކަމުގެ ދޮރު، މުސްކުޅި ޖާހިލިއްޔަތުގެ މިންގަނޑުތަކަށް އަހަންމިއްޔަތުދީ ބަންދުކުރުމަކީ ގޮތްދޫނުކުރުންކަން އެންގެވިއެވެ. އެފަދަ ބޯހަރުކަމާއި ގޮތްދޫނުކުރުމުގެ އެންމެފަހުގެ ނިމުމަކީ، މަގުފުރެދުންކަން އެންގެވިއެވެ.
السّــيّــدة زيـنـب ގެ ޢާއިލާގެ ބޭފުޅުންނަށް މި ދެއާޔަތް އަޑުއިވިވަޑައިގަތުމުން، އެ ދެ އާޔަތުގެ މަފްހޫމް ވިސްނިވަޑައިގެންނެވިއެވެ. زيـــد ގެފާނާއި، زيـنـب ގެ ކާވެނިފުޅާމެދު ރުހިވަޑައިގެންނެވިއެވެ. މާތްކަމާއި މޮޅުދެރަކަމުގެ ޖާހިލީ މިންގަނޑު ފުނޑުފުނޑުވީކަހަލައެވެ. زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه ގެ ފަރާތްޕުޅުން މިކާވެނިފުޅުގެ ކީރަން އަދާކުރެއްވީވެސް ޚުދު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެވެ. އޭގެއިތުރަށް ކާވެނިފުޅާ ގުޅިގެން زيـنـب އަށް އަރުވަންޖެހޭ ހެދުންކޮޅުވެސް ދެއްވީ ކައުސާހިބާއެވެ. އެދެކަނބަލުން ދިރިއުޅުއްވާނެ ގެއެއް ހަމަޖައްސަވައިދެއްވައި، އެގެއަށް ގެވެހިކަންވާރުވެސް ހޯއްދަވައިދެއްވިއެވެ. ނަމަވެސް ކާވެނިފުޅަށްފަހު އަހަރެއްހައިދުވަސްވީއިރުވެސް އެދެމަފިރިކަނބަލުންނަށް އެކުއުޅުއްވޭގޮތެއް ނުވިއެވެ. ދެކަނބަލުންގެ މިޒާޖުފުޅާއި ޚިޔާލުފުޅުގެ ތަފާތު، އޭގެ ގޮތުގައި ދެމިއޮތެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް އެހައިތަނުން ޝަކުވާތައް ހުށަހެޅޭން ފެށިއެވެ. މައްސަލަތައް ޙައްލުވެ، ގޮށްތައް މޮހެވުމުގެ ބަދަލުގައި، ދުވަހެއް ދުވަހަކަށް އައީ އެ ދެކަނބަލުންގެ ކާވެނިފުޅުގެ ގުޅުމުގެ ވާފަށުގައި ވަގޮށްތައް އިތުރުވަމުންނެވެ. ހަމަނުޖެހުންތައް ގިނަވަމުންނެވެ. ބޮޑެތިވަމުން، ފުޅާވަމުންނެވެ. އެންމެފަހުން زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه ، السّــيّــدة زيـنـب رضـــى الـلّــه عــنـــهـــا ވަރިކުރައްވަން ޤަޞްދުކުރައްވައި، އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ މަޝްވަރާ ކުރެއްވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމާ ނުހަނު ކަންބޮޑުވެވަޑައިގެންނެވިއެވެ. މުޖްތަމަޢުގައި އިސްލާމީ ހަމަހަމަކަމުގެ މިސާލެއް ޤާއިމުކުރެއްވުމުގެ އިންޤިލާބީ ފިޔަވަޅެއްގެ ގޮތުން، އެމާތް ސާހިބާގެ ޢާއިލާގެ މެމްބަރަކާ "މަވާލީ" އަކާ ކޮށްދެއްވި ކާވެނިފުޅެއް ރޫޅޭން އުޅޭތީއެވެ. އެކާވެނިފުޅަކީ، ކައުސާހިބާގެ މަޝްވަރާއާއި ބާރުއެޅުއްވުމުގެ އިތުރަށް، މާތް اللّــــه ގެ މަގުދެއްކެވުމާއި، އިރްޝާދު ދެއްވުންވެސް ހިމެނޭ ކާވެނިފުޅަކަށްވާތީއެވެ. އެކާވެނިފުޅުގައި زيـــد ގެ ފަރާތްޕުޅުން ބެލެނިވެރިޔަކަށް ހުންނެވީވެސް ޚުދު ކައުސާހިބާ ކަމުގައިވާތީއެވެ. އެހެންކަމުން، އެކާވެނިފުޅު ރޫޅުނަނުދެއްވުމަށް، އިތުރު ސާހިބާ ތަކުރާރުކުރައްވައި މަސައްކަތްޕުޅު ކުރެއްވިއެވެ. އަނބިކަނބަލުން ވަރިނުކުރެއްވުމަށާއި، މާތް اللّــــه އަށް ތަޤްވާވެރިވެވަޑައިގެންނެވުމަށް زيـــد އަށް ނަސޭހަތްދެއްވައި އިރްޝާދު ދެއްވިއެވެ. (ســــورة الأحـــــزاب: 37) ނަމަވެސް އެންމެފަހުގެ ނިމުމަކަށްވީ، زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه، السّــيّــدة زيـنـب رضـــى الـلّــه عــنـــهـــا ވަރިކުރެއްވުމެވެ. މިކާވެނިފުޅުގެ ނަތީޖާއެއްގެގޮތުން، زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه ގެ ހިތްޕުޅުގައިވެސް ޝަކުވާތަކެއް އުފެދުމަކީ ޠަބީޢީކަމެކެވެ. އެހެންކަމުން، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަލޭގެފާނުގެ ބޮޑުދައިތާފުޅު أمّ حــكــيــم بـيـضـــاء بـنت عــبــد المـطّـلـــب ގެ ދަރިކަނބަލުން أروى بـنت كــــريــــز ގެ ދަރިކަނބަލުން السّــيّــدة أمّ كــلـثــــوم بـنت عـقـبـــة رضـــى الـلّــه عــنـــهـــا އާ زيـــد بـــن حـــارثــــة رضـــــى اللّــــه عــنــــه އާ ކާވެނިކޮށްދެއްވިއެވެ.
އަނެއްކޮޅުން މިކާވެނިފުޅާ ގުޅިގެން ޚުދު السّــيّــدة زيـنـب އާއި އެކަމަނާގެ ޢާއިލާގެ ބޭފުޅުންގެ ހިތްޕުޅުތަކުގައި އުފެދުނު ޝަކުވާތައް ޙައްލުކުރެއްވޭނެ ހަމައެކަނި ގޮތަކަށްއޮތީ، ޚުދު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ، السّــيّــدة زيـنـب އާ ކާވެނިބައްލަވައިގެންނެވުމެވެ. السّــيّــدة زيـنـب އަށް އެކަމުގެ ތަޟްރީފު ދެއްވުމެވެ.
السّــيّــدة زيـنـب رضـــى الـلّــه عــنـــهـــا އާއި އެކަމަނާގެ ޢާއިލާގެ ބޭފުޅުން ކުރީއްސުރެ ދެކެވަޑައިގަންނަވަމުން ވަޑައިގެންނެވި ހުވަފެންފުޅަކީ، ޚުދު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، السّــيّــدة زيـنـب އާ ކާވެނިބައްލަވައިގެންނެވުމެވެ. މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގައި ކަންއޮތްގޮތް ނުހަނު ސާފެވެ. ޝަރީޢަތުގައި މިކަމުގެ އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް، ކުރީގެ ޖާހިލީ އާދަކާދައާއި ޤަބޫލުކުރުންތަކުން ބާރު ހޯދައިގެން ޔަހޫދީންނާއި އެއުރެން އުފެއްދި ފަސްވަނަ ކޮލަމުގެ މީހުން އުފައްދާނެކަން ޔަޤީންވާ ޕްރޮޕެގެންޑާގެ ޠޫފާނެއްގެ އެކަށޭނަކަން ވަރަށްބޮޑަށް އޮތެވެ.
މުތަބަންނީ ކުރުމަކީ ޢަރަބިކަރައިގެ އިތުރަށްވެސް، ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި އެދުވަސްވަރު ވަރަށްބޮޑަށް ޢާއްމުވެފައި އޮތްކަމެކެވެ. އެކަމަކީ ޢަޤީދީގޮތުންނާއި، އިޖްތިމާޢީގޮތުން ވަރަށްގިނަ ނޭދެވޭ އަސަރުތަކެއް މުޖްތަމަޢަށް ފޯރަމުން ދިޔަކަމެކެވެ. އަރަހުށި މާތް اللّــــه އިސްލާމްދީން މެދުވެރިކުރައްވައި މިބާވަތުގެ އެހެންވެސް ނުރަނގަޅު ކަންތައްތައް އިޞްލާޙުކުރެއްވިފަދައިން އެކަލާނގެ ނިޔާފުޅުގައިވަނީ މުތަބަންނީ ކުރުމުގެ ސަބަބުން މުޖްތަމަޢުގައި އުފެދިފައިވާ އުމަގަށްވެސް ޝިފާދެއްވުމަށެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން