އަންނަ މާޗު މަހުގެ 17 ގައި ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ މީހާގެ ނިޔަތް ދެނެގަނެވޭ ގޮތަށް އޮންނަ ކޮންމެ ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ގުނޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، މިދިޔަ އިންތިހާބު ތަކުގައި ބާތިލު ވޯޓުގެ އަދަދު ރެކޯޑް އަދަދަކަށް ގިނަވެފައިވާތީ އެކަން ހައްލު ކުރުމަށް ކޮމިޝަނުން ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.

އެ ދިރާސާގައި އިންތިހާބުގެ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށް ކަމާބެހޭ މައުލޫމާތު ލިބުމުގައި މައްސަލަތަކެއް ދިމާވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

"ކުރި ދިރާސާ އިން ދައްކަނީ، ޓްރެއިނިންގައި ސައްހަ ވޯޓުގެ ބަދަލުގައި ބާތިލުވޯޓުގެ ވާހަކަ ބޮޑަށް ދެއްކިފައިވާކަން، އެހެންކަމުން އެ ތަޖުރިބާގެ އަލީގައި މިފަހަރު ބަދަލުތަކެއް ގެނެސްފައި ވަނީ، ކުރީގެ ތަޖުރިބާގެ އަލީގައި ތަފާތު ގޮތަކަށް މިފަހަރު ޓްރެއިނިން ހަމަޖައްސާފައި ވަނީ،"

ހަބީބު ވިދާޅުވީ، ބާތިލު ވޯޓުގެ އަދަދު ގިނަވެގެން ދިޔައީ އިންތިހާބުތަކާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން، ވޯޓު ކަރުދާހުގެ ސައްހަކަން ބެލުމުގައި ހަރުކަށި ވެގެން ދިއުމުން ކަމަށެވެ. މިފަހަރު އެކަން ހައްލު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"2018 ގައި އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް ގެނައި ބަދަލުން ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް، ނިޝާނެއް، ކުރެހުމެއް، ލިޔުމެއް، އެއްޗެއް އޮވެއްޖެއްޔާ ބާތިލު ވާނެއޭ ބުނާ ބުނުން، އޭތި ތަން ކޮޅެއް ހަރުކަށިކޮށް ގެންދެވިގެން މިއުޅެނީ، އެހެންވީމަ ވަރަށް ބޮޑަށް ފަވާލާފައި ހުންނަ ފާހަގަތައްވެސް މި ބެލެވެނީ އެއީ ވޯޓުގެ ސިއްރުކަން ގެއްލުވާލަން ކޮށްފަ އޮންނަ ކަމެއްގެ ގޮތުގައި، އެކަމަކު ކޮމިޝަންގެ ދިރާސާގެ އަލީގައި ކޮމިޝަނަށް ވެސް ފެނުނީ، އެހެން ހުރި ބައެއް ކަންކަން މިހާރު އެބަޖެހެއޭ އިސްލާހު ކުރަން، އެހެންވީމަ މި އިންތިހާބުގައި ބާތިލު ވޯޓުގެ އަދަދު އެހާބޮޑުތަން އިތުރެއް ނުވާނެ، އެމީހާގެ ނިޔަތް ދެނެވޭގޮތަށް އޮންނަ ސައްހަ ވޯޓުތައް ހަމަ ސައްހަ ވޯޓުގެ ގޮތުގައި ބަލާނީ،"

ހަބީބު ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި 650 އާއި 700 އާ ދެމެދުގެ އަދަދަކަށް ވޯޓުލާ މަރުކަޒު ގާއިމްކުރަން ޖެހޭނެ ކަމަށް ލަފާ ކުރެބޭ ކަމަށެވެ. އެހެންކަމުން ވޯޓު ފޮށި ބަހައްޓަން ބޭނުންވާ ރިސޯޓު ތަކާއި ސިނާއީ ތަންތަނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.