މާލޭގެ ރައްޔިތުން ބޭނުންވަނީ ބުރިޖުން ގުޅައިލެވިފައިވާ އަވަށްތަކަށް ދާން ކަމަށާއި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް ކަންކަން ހަމަޖެހިގެންދާން ބޭނުންވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު އާޒިމް ވިދާޅުވީ މާލޭގެ ދިރިއުޅުމުގެ ހާލަތަށް ބަލައިލާ އިރު، ފެންނަނީ ފިއްކަނޑައިގެންދާހާ ހިތްދަތި މަންޒަރުތައް ކަމަށާއި އެއިން މަންޒަރުތަކުން ކުޑަވެސް ރަހުމެއް ހިނގާ މީހެއްގެ ލޯ ކަރުނުން ތެންމައިނުލައެއް ނުދާނެ ކަމަށެވެ. އަދި ސިޔާސީ މީހުން އެ ކަންތައްތަކަށް ހައްލު ނުހޯދާތީ އޭގެ ގިނަ ކުދިންތަކެއް ކުށުގެ ވެއްޓަށް ހުށަހެޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދާދިފަހުން މާލޭގެ އެތައް ހާސް ބައެއްގެ ގާތަށް މިކުރި ޒިޔާރަތުގައި އެމީހުން ދެއްކި ވާހަކަތައް އަޑުއެހިން. މާލޭ ރައްޔިތުން އެދެނީ ބުރިޖަކުން ގުޅިފައިވާ އަވަށްތަކަކަށް ދެވޭނެ ފުރުސަތު ފަހިވާން، އެމީހުން އެދެނީ ހުޅުމާލެ ފޭސް ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅަށް އަމާޒުވި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް ކަން ވެގެންދާން. ބުރިޖުން ގުޅައިލެވޭ މިތަންތަނުގައި ބޯހިޔާވަހިކަމުގެ ހަޔާތެއް ފަށަން. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާގައި އިންނެވުމާއެކު މާލޭގެ ރައްޔިތުންގެ މި ވާހަކަތައް މަނިކުފާނާ ހިއްސާކޮށް މިކަން މި މަގުން ގެންގޮސްދެއްވުމަށް އެދި މަނިކުފާނަށް ދެންނެވުމަކީ މިރޭ މިތާ ހުރެ އަޅުގަނޑު އަދާކުރާ އެންމެ މަތިވެރި ވާޖިބު،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެންމެ އަވަސް ތަރައްގީއެއް ގެނެވޭނީ، އަދި އެތަނެއްގައި އުޅެވޭނީ ވެސް ބުރިޖަކުން ގުޅައިލެވޭ ހިސާބުގައި ހުރި ތަންތަން ކަމަށާއި ދިމާވެފައިވާ މި ހައްސާސް މައްސަލައަށް އަވަސް ހައްލެއް ހޯދައިދެވެން އޮތް މަގަކީ ވެސް އެއީ ކަމަށެވެ. އަދި ހައްލެއް އޮތީ ފުރަތަމަ މަރުހަލާގައި ވެސް އެތަންތަން ތަރައްގީކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން ދަފްތަރުގައި ޖެހިފައި ތިބި ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭތާ އެތައް އަހަރެއްވެފައިވާ މާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމެއް އަވަހަށް ހޯދައިދޭން މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންކަމުން އެމީހުން އެ ދެކެމުންދާ އުތުރުތިލަފަޅުގެ ވަޒަންވެރިންކަމުގެ އާ ހަޔާތް ފައްޓަވައިދެއްވާ ރައީސުލްޖުމްހޫރިއްޔާއަށް މަނިކުފާނު ވެވަޑައިގެންފި ނަމަ، އެއީ މަނިކުފާނުގެ ސަރުކާރުން އެ ހިތްތަކަށް ގެނެސްދޭ ތަސައްލީއަކަށް ވެގެންދާނެ. އުތުރުތިލަފަޅުން ބިން ދޭން އެމްޑީޕީ ސަރުކާރުން ނިންމާފައި އެއޮތް ޕްރޮގްރާމު ކުރިއަށްގެންގޮސްދިނުމަކީ ވެސް ރައްޔިތުންގެ ވަރަށް ބޮޑު އާދޭހެއް، ވަރަށް ބޮޑު އެދުމެއް،" އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދެނީ މާލޭގެ އިހުތިސާސަށް ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އަދި ހުޅުމާލެ ފޭސް ތިނެއް ވެސް ވީހާވެސް އަވަހަކަށް ލައްވައިދެއްވުމަށް ކަމަށެވެ.