އިންތިހާބުކުރާ މަގާމުތަކުގެ ބޭފުޅުންނަށް ރައްޔިތުން ފެންނަންވާނީ ވޯޓު ކައިރިވީމާ ނޫން ކަމަށް ވިދާޅުވެ، އަބަދުވެސް ރައްޔިތުންގެ ގާތަށް ވަޑައިގެންނެވުމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް، މަގާމުގެ ހުވާކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައި ތިބި ބޭފުޅުން ވީމާ، އެ އިންތިހާބުކުރި ކުރުން އެއީ އަބަދުވެސް ހަނދާނުގައި ބަހައްޓާ ބަޔަކަށް ވާން ޖެހޭނެ ކަމަށާއި ރައްޔިތުން ހަވާލުކުރަނީ ވަރަށް ބޮޑު އަމާނާތެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމަށެވެ.
"އެ އަމާނާތާއި އެ ޒިންމާ އާއި އެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ ހިނދުކޮޅެއް ވެސް ހަނދާން ނެތިގެން ނުވާނެ، ފަހަތަށް ޖެހިގެން ނުވާނެ، ފަރުވާކުޑަކޮށްގެން ނުވާނެ. ކޮންމެ ރައްޔިތަކީ ތިމަންނާގެ ކުރިމަތީގައި މުހިންމު ރައްޔިތަަކަށް ވާން ޖެހޭނެ. ހިތުގެ އެންމެ ފުންމިނުން އެ ރައްޔިތާ މެދުގައި ލޯބިކަމާއެކުގައި، ލޯތްބާއި ކުލުނާއި އަޅައިލުމާއެކުގައި ހިދުމަތްދޭން ޖެހޭނެ. އެގޮތަށް އެކަން ކޮށްފިއްޔާ ރައްޔިތުން ބަލައިގަންނާނެ. ރައްޔިތުން ފެންނަން ޖެހޭނީކީ ވޯޓުލާއިރު އެކަންޏެއް ނޫން. ރައްޔިތުން ގާތަށް ދާން ޖެހޭނެ އަބަދު. އަޅުގަނޑު މަސައްކަތްކުރިން އެގޮތަށް މަސައްކަތްކުރެވޭތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މޭޔަރުކަމުގައި ރަސްމީ މަސައްކަތުގެ ތެރެއިން ޓައިމްޓޭބަލެއް ހައްދަވައިގެން ގޭގެއަށް ވަޑައިގެންފައިވާނެ ކަމަށާއި ރައްޔިތުންގެ ހާލު ބަލަން، ރައްޔިތުން އުޅޭ ހިސާބަށް ގޮސް، އެ ރައްޔިތުންނާ ހަމައަށް ވާސިލުވެގެން ރައްޔިތުންގެ ކަންކަމަށް ހައްލުތައް ގެނެސްދޭން މަސައްކަތްކުރާތީ އެކަމާ ރައްޔިތުން އުފާކުރާ ކަމަށެވެ. އަދި ބައެއް ކަންކަމަކީ ޒަމާންތަކެއް ވެފައި ހުރި މައްސަލަތަކަށް ވުމުން އެކަން ނުވެވެސް ހިނގައިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް ކައިރިއަށް ދިޔައީމާ، ގާތަށް ދިޔައީމާ އެ ލިބޭ އުފާވެރިކަން އެ ރައްޔިތަށް ވެސް އަދި އެ ކައުންސިލަރަށް ވެސް، މޭޔަރަށް ވެސް އެބަ ލިބޭ. އެހެންވީމާ އަޅުގަނޑު އެދެނީ މިއަދު މި ހުވާކުރެއްވެވި މޭޔަރު އަދި ކައުންސިލަރުން ވެސް، އަދި ޖުމުލަކޮށް މާލޭ ސިޓީގެ ހުރިހާ ކައުންސިލަރުން ވެސް އަދި ހަމައެއާއެކީގައި މުޅި ރާއްޖޭގެ ހުރިހާ ކައުންސިލަރުން ވެސް މިގޮތަށް މަސައްކަތްކުރައްވަން ވާނެ. އެ ކައުންސިލަރަކު، އެ ރަށު ކައުންސިލުގެ ރައީސަކު، އެ އަތޮޅު ކައުންސިލުގެ ރައީސަކު، ސިޓީތަކުގެ މޭޔަރަކު ކުރައްވަންވާނެ ކަމަކީ އަޅުގަނޑު މި ދެންނެވި ގޮތަށް ރައްޔިތުން ގާތަށް ވަޑައިގަތުމޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން ގާތަށް ވަޑައިނުގެން، ހަމައެކަނި އޮފީހުގައި، އިދާރާތަކުގައި ކުރާ މަސައްކަތަކުން ރައްޔިތުން އެދޭ ފެންވަރަކަށް އެ ހިތްހަމަޖެހުމާއެކީގައި ކަމެއް ކޮށްދެވޭ ކަމަކަށް ނުވާނެ ކަމަށާއި އެހެންވީމާ ރައްޔިތުން ގާތަށް ގޮސް މަސައްކަތްކޮށްދެއްވުމަށް ރާއްޖޭގެ ހުރިހާ ކައުންސިލަރުންނާއި މާޔަރުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު