ސިފައިންގެ ވަޒީފާއަށް ކުރިމަތިލާން ޑިފެންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޑިފެންސް މިނިސްޓްރީން މި މަހުގެ 16 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނީ ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހަށް ކަމަށެވެ.

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން
  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކަށް ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން

ޝަރުތު ހަމަވާ މީހުން ވަޒީފާއަށް ނެމުގައި އިންޓަވިއުތަކާއި ފުރަތަމަ އިންޓަވިއު ފާސްވާ މީހުންނަށް ދޭ ފިޒިކަލް އަދި އެޕްޓިޑިއުޓް ޓެސްޓުން ހޯދާ ނަތީޖާ އާއި އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބަލާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ވަޒީފާއަށް ނަގާ މީހުން އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރުމާ ހަމައަށް މުސާރައިގެ ގޮތުގައި ލިބޭނީ 12،400 ރުފިޔާ ކަމަށް އިއުލާނުގައި ބުންޏެވެ. އަދި އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރުމުން މުސާރައިގެ ގޮތުގައި 15،500 ރުފިޔާ ލިބޭނެ ކަމަށާއި މަސައްކަތް ކުރާ ދާއިރާގެ ގޮތުން އިތުރު އެލަވެންސްތައް ލިބޭނެ ކަމަށް ބުންޏެވެ.

ވަަޒީފާއަށް އެދި ހުށަހަޅާ އިރު ޕޮލިސް ރިޕޯޓާއި ވަޒީފާއަށް އެދޭ ފޯމު ހުށަހަޅަން ޖެހެއެވެ. ވަޒީފާއަށް އެދޭ ފޯމު އެމްއެންޑީއެފްގެ ވެބްސައިޓުން ލިބެން ހުންނަ އިރު، ވަޒީފާއަށް ކުރިމަތިލާން ފޯމު ހުށަހަޅާނެ ގޮތް، ފޯމުގައި ބަޔާންކޮށްފައި ހުންނާނެ ކަމަށް އިއުލާނުގައި ބުންޏެވެ.