އަންނަ މާޗު މަހުގެ 17 ގައި ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގިނަ އަދަދެއްގެ ވަގުތީ ވަޒީފާތަކަށް ހުޅުވާލައިފި އެވެ.

އީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މަޖިލިސް އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކުރާނެ 90 ޓްރޭނަރުން ބޭނުންވާ ކަމަށެވެ.

އެ ޓްރޭނަރުން މާލޭގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 800ރ. އަދި އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 1،000ރ. ދޭނެ ކަމަށާއި ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމު ފުރިހަމަކޮށް، އޮފިޝަލް ޓްރެއިނިން ދީ ނިމުމުން 1،400ރ ގެ އެލަވަންސެއް ވެސް ދޭނެ ކަމަށް އީސީން ބުންޏެވެ.

ޓްރެއިނަރުންނަށް ވުމަށް ބޭނުންވާ މީހުން މި މަހުގެ ނިޔަކަށް ފޯމު ހުށަހަޅަން ޖެހެއެވެ.

އީސީގެ އިއުލާނުގައި ވަަނީ، އޮފިސަރުންގެ ގޮތުގައި 30 މީހުންނާއި ސީނިއާ އޮފިސަރުންގެ ގޮތުގައި ދިހަ މީހުންނާއި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ހަ މީހުންގެ އިތުރުން މަސައްކަތު މީހުންގެ ގޮތުގައި ހަތަރު މީހުން ހޯދަންވެސް އިއުލާނުކޮށްފައެވެ.

އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު 29ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.