އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ގްރޫޕް ޑީގައި ރޭ އަލްޖީރިއާއިން ބުރްކީނާ ފާސޯ ކައިރިން ފަހުވަގުތު ޕޮއިންޓެއް ހޯދި އިރު، މޮރިޓާނިއާ ބަލިކޮށް އެންގޯލާ އެއްވަނައަށް ޖެހިލައިފިއެވެ.

ގްރޫޕް ޑީގެ ތާވަލު މިވަގުތު އޮތް ގޮތުން، އެ ގްރޫޕްގެ ފަހު ދެ މެޗު ފޯރި ގަދަވާނެއެވެ. 2019 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި އަލްޖީރިއާ މިހާރު އޮތީ ކެޓުމާ ގާތުގައެވެ. އެޓީމަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު އޮތީ ތިންވަނައިގައެވެ. އެންމެފަހުން އަލްޖީރިއާއިން ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗުގައި މޮރިޓާނިއާ ކައިރިން މޮޅެއް ހޯދަން އޮތީ މަޖުބޫރުވެފައެވެ.

އެންގޯލާ މިވަގުތު އެއްވަނައިގައި އޮތީ ބުރްކީނާ ފާސޯއާ ޕޮއިންޓުން އަދި ފައިދާ ގޯލުންވެސް ހަމަހަމަވެ، ޖެހި ގޯލުގެ ތަފާތުންނެވެ. މޮރިޓާނިއާ ފުލުގައި އޮތް އިރު، އެޓީމަށް ދެން އޮތީ ހަނި ފުރުސަތެކެވެ.

އަލްޖީރިއާއިން ރޭ ކުޅުނު މެޗުގައި އެޓީމު ކޮޅަށް ބުރްކީނާ ފާސޯގެ ފުރަތަމަ ގޯލު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ މުހައްމަދު ކޮނާޓޭއެވެ. އެ ގޯލާއާއެކު ބުރްކީނާ ފާސޯން ލީޑު ނެގި ނަމަވެސް، އަލްޖީރިއާއިން ވަނީ ދެވަނަ ހާފަށް ނުކުތް ގޮތަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލު ޖެހީ ބަގްދާދު ބޮނޭޖާއެވެ.

ރޭގެ މެޗުގައި ބުރްކީނާ ފާސޯން ދެވަނަ ގޯލު ޖެހީ ޕެނަލްޓީގައެވެ. އެ ގޯލަކީ ބާޓްރެންޑް ޓްރެއޯރޯ ޖެހި ގޯލެކެވެ. ރަޔަން އައިޓް-ނޫރީ ކުރި ފައުލަށް ލިބުނު ޕެނަލްޓީއާ އެކު ބުރްކީނާ ފާސޯން މެޗުގެ ލީޑު ނަގައި ނިންމާލަން ދަނިކޮށް، 95 ވަނަ މިނެޓުގައި އަލްޖީރިއާ ސަލާމަތްކޮށްދިނީ ބޮނޭޖާއެވެ.

އެންގޯލާއިން ރޭ މޮރިޓާނިއާ 3-2 އިން ބަލިކުރި އިރު، އެންގޯލާގެ ގޯލުތައް ޖެހީ ޑާލާ ގެލްސަންއާއި ގިލްބާޓޯއެވެ، މެޗުގައި ގެލްސަން ދެ ގޯލު ޖެހި އިރު، މޮރިޓާނިއާގެ ގޯލު ޖެހީ ސިދީ އަމާރާއި އަބޫބަކްރީ ކޮއިތާއެވެ.