ގއ. ވިލިނގިލިން ހާލު ދެރަވި ކުއްޖަކު މާލެ ގެނައުން ލަސްވެގެން މަރުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިސް ކައިރީގައި އިހުތިޖާޖު ކޮށްފިއެވެ.

އެ 13 އަހަރުގެ ކުއްޖާ މަރުވީ މާލެ ގެންނަން އެދުނުތާ 16 ގަޑިއިރުވީ އިރުވެސް މާލެ ނުގެނެވި، ފަރުވާ ލަސްވުމުންނެވެ. އެކުއްޖާ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އާސަންދަ ހަމަޖެހުމަށް ފަހުވެސް ކުއްޖާ ގެނައުން ލަސްވީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށް އާސަންސައިން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި އެމަޖެންސީކޮށް އެ ކުއްޖާ މާލެ ގެންނަން އެދުނުތާ 12 މިނެޓު ތެރޭގައި އެ ކުންފުނިން އެޕްރޫވް ކުރި ކަމަށްވެސް ބުންޏެވެ.

މިއަދު މަޖިލިސް ކައިރީގައި ކުރި އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް މީޑިއާއާ ވާހަކަ ދެއްކެވިއެވެ. ބަލި މީހުން އުފުލުމުގައި އިންޑިއާގެ ޑޯނިއާ ބޭނުން ނުކުރަނީ ކީއްވެތޯ އެއްވުމުގެ ބައިވެރިން ސުވާލު އުފައްދާފައިވާ އިރު، އަތޮޅު ތެރޭގައި ޓާޝަރީ ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލާފައި ވެއެވެ.

ކުއްޖާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ކުއްޖާގެ އާއިލާއަށް ތައުޒިޔާ އަދާކުރައްވާފައިވާ އިރު، ބަލިމީހުންނަށް ދޭންޖެހޭ ކުއްލި ފަރުވާ ދިނުމަށް މާލެ ގެނައުމުގައި އަމަލުކުރަމުންދާ އުސޫލު އިސްލާހުކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް އެންގެވިއެވެ. އެއާއެކު މޯލްޑިވިއަނުން ވަނީ ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަންދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.

މީގެ އިތުރުން ކުއްޖާ މަރުވި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބަލަން ފަށާފައިވާ އިރު، އެކަމުގެ އިންކުއަރީއެއް ހެދުމަށްވެސް ވަނީ ނިންމައިފައެވެ. މީގެ އިތުރުން 13 އަހަރުގެ ކުއްޖާ މަރުވި މައްސަލައިގެ ތަހުގީގަށް، ޑިފެންސް މިނިސްޓަރު ފޮރިން މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ކަމާބެހޭ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމައިފައެވެ.