ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމުގެ ހައްގު އޮންނަކަން އެންމެންވެސް ގަބޫލުކުރަން ޖެހޭ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގުޓެރެޒް ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ ވަކި ދައުލަތްތައް ހެދުމަށް "ޓޫ ސްޓޭޓް ސޮލިއުޝަން" ގަބޫލު ނުކުރުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެެ އަމިއްލަ ދައުލަތެެއް އޮންނަން ޖެހޭނެކަން ގަބޫލު ނުކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ.

ގުޓެރެޒް މިހެން ވިދާޅުވެފައި މި ވަނީ ހަނގުރާމަ ނިންމާލުމަށް ފަހުވެސް ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމާ ދެކޮޅު ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނިކޮށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ އުރުދުންގެ ހުޅަނގުގައި އޮންނަ ކޯރާ ދިމާލުގައި އޮންނަ ޓެރިޓަރީގެ ސެކިއުރިޓީ ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ރަހުމަތްތެރި ގައުމުތަކުގެ ހިޔާލަށްވެސް، ބޮޑުވަޒީރުގެ ހައިސިއްޔަތުން ބައެއް ފަހަރު ނޫނެކޭ ވިދާޅުވާން ޖެހޭ ކަމަށެވެ.

ނަތަންޔާހޫ އެހެން ވިދާޅުވީ ހަނގުރާމަ ނިންމާލާ ދުވަހު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމަށް އެމެރިކާރިން އިޒްރޭލަށް ގޮވާލުމާއެކު އެކަމަށް ރައްދުދެއްވައެވެ.

އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 25،000 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 70 ޕަސަންޓަކީ ކުޑަކުދިންނާއި އަންހެނުން ކަމަށް އދ. އިން މީގެ ކުރިން ބުނެފައި ވެއެވެ.