ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަންދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފިއެވެ.
މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނައީ ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އުމުރުން 13 އަހަރުގެ ކުއްޖަކު މަރުވުމާއެކު، އެ ކުއްޖާ މާލެ ގެނައުން ލަސްވި ކަމަށް އާއިލާއިން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޮސްޕިޓަލަކުން އިމަޖެންސީ ކޭސްއެއްގެ މައުލޫމާތު ލިބިއްޖެ ނަަމަ، މޯލްޑިވިއަނުން އެންމެ އިސްކަންދޭ ކަމަކަށް ވާނީ އިމަޖެންސީގައި އުފުލަން ޖެހޭ ބަލިމީހާ އުފުލުން ކަމަށެވެ.
"މިއަދުން ފެށިގެން މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެވި، އިމަޖެންސީ ކޭސްއެއް އަތުވެއްޖެ ނަމަ، ފުލައިޓު ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މިހާރު ވަނީ ހަމަޖައްސާފައި،" މިނިސްޓަރު އަމީން ލިޔުއްވިއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. އަމީންވެސް ވަނީ އެކަން ތަކުރާރުކުރައްވައިފައެވެ.
އާސަންދައިން މިއަދު ބުނެފައިވާ ގޮތުގައި، އެ ކުއްޖާގެ ދަތުރަށް އާސަންދައަށް އެދުނުތާ ގިނަ އިރުތަކެއް ނުވެ އެ ކުންފުނިން ދޭން ޖެހޭ ހިދުމަތްތައް ހަމަޖައްސާފައިވާނެއެވެ. ނަމަވެސް ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފުލައިޓު ލަސްވި ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު