މީގެ ތިން އަހަރު ކުރިން ފެށިގެން މިހާތަނަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައިވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 13 އަހަރުގެ ކުއްޖަކު، ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ. އެ ކުއްޖާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި، އެ ކުއްޖާ މަރުވީ، އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވުމުގެ ސަބަބުން އެކަށީގެންވާ ފަރުވާ ނުލިބުމުންނެވެ.
އެ ކުއްޖާ ގއ. ވިލިނގިލިން މާލެ ނުގެނެވި މަޑުކުރަން ޖެހުނީ އިންޑިއާ ސަރުކާރުން ހަދިޔާކުރި ޑޯނިއާއާއި ހެލިކޮޕްޓަރު ބޭނުން ނުކުރުމުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ގެންދަނީ ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ކިޔަމުންނެވެ.
އެކަމާ ގުޅިގެން، ޑިފެންސް މިނިސްޓަރު ޣައްސާން، އެކްސްގައި މިއަދު ވިދާޅުވީ، 2021 އިން ފެށިގެން ތަފާސްހިސާބުތަކަށް ބަލާއިރު މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކުރީ އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގާ މޯލްޑިވިއަން އެއާލައިނުން ކަމަށެވެ.
"މެޑިކަލް އޮޕަރޭޝަންގެ އެސްއޯޕީގައި ރައީސުލްޖުމްހޫރިއްޔާއަށް އިންފޯމް ކުރުމެއް، ހުއްދަ ދެއްވުމެއް ނޯވޭ. އެއީ އެކަމާ ގުޅޭ އިދާރާތަކުން ކޯޑިނޭޓް ކުރެވިގެން ހިނގާ ކަމެއް،" ޣައްސާން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި، އެ ކުއްޖާ މާލެ ގެނެވުނީ މާލެ ގެނައުމަށް އެދުނުތާ 16 ގަޑިއިރު ފަހުން މޯލްޑިވިއަންގެ ޗާޓަރު ފުލައިޓެއްގައެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވި ގޮތުގައި އެ ކުއްޖާ މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު