ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، އަނބުރާ އިންޑިއާއަށް ގެންދިއުމުގެ ދެވަނަ މަޝްވަރާގެ ބައްދަލުވުން ބާއްވަނީ އިންޑިއާގައި ކަމަށް އެ ގައުމުން ބުނެފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު، ދެގައުމުގެ ހައި ލެވެލް ބައްދަލުވުމެއް ރާއްޖޭގައި ބާއްވާފައިވާ ކަމަށެވެ.

"ދެން އޮންނަ މަޝްވަރާ ބައްދަލުވުން އޮންނާނީ އިންޑިއާގައި. އެއީ އެއީ މިހާރު އޮތް ހާލަތަކީ،" ޖައިސްވަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ހައިލެވެލް ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަން އާންމުކޮށް، ދެގައުމުން ވެސް ނޫސްބަޔާނެއް ނެރެފައިވާ ކަމަށެވެ. އިންޑިއާގެ ފަރާތުން މަޝްވަރާ ކުރީ، ރާއްޖޭގައި ހުރި އިންޑިއާގެ އެވިއޭޝަން ޕްލެޓްފޯމްސްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމާ ގުޅޭގޮތުން ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، އަނބުރާ އިންޑިއާއަށް ގެންދިއުމުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައި ކަމަށެވެ.

"ދެ ފަރާތުން ވެސް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އަވަސްކުރަން އެއްބަސްވެފައި،" ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ވެސް ބުނެފައިވަނީ، ދެވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގައި ކަމަށެވެ. ނަމަވެސް ބައްދަލުވުން އޮންނަ ތާރީހެއް ދެ މިނިސްޓްރީންވެސް ހާމައެއް ނުކުރެއެވެ.

ރައީސް އޮފީހުގައި އާދިއްތަ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެފައިވަނީ އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތަށް ހުށަހަޅުއްވާފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އެ ދުވަހު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް މުއިއްޒު ވަނީ، އިންޑިއާ ސިފައިން، އަނބުރާ ގެންދިއުމަށް، އިންޑިއާގެ ސަރުކާރުގައި ރަސްމީކޮށް މީގެ ކުރިން އެދިވަޑައިގެންފައެވެ. އަދި ވަނީ އެކަމާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ވެސް މަޝްވަރާކޮށްފައެވެ.

ސަރުކާރުން ބުނެފައިވަނީ މިހާތަނަށް އެނގުނު މައުލޫމާތުތަކުން އިންޑިއާގެ 75 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. އެ އަދަދު އިތުރުވެދާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ. އިންޑިއާ ސިފައިންގެ ސީދާ އަދަދު އަދި ނޭނގިފައިވަނީ، ކުރީ ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.