ވެސްޓް ހަމްއިން އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިޕްސް ހޯދަން މަސައްކަތް ފަށައިފިއެވެ.

އުމުރުން 28 އަހަރުގެ މިޑްފީލްޑަރު މެންޗެސްޓާ ސިޓީއަށް ބަދަލުވިފަހުން މިހާތަނަށް އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ އިރު، އޭނާއަށް ވަނީ އަނިޔާގެ މައްސަލަތަކާވެސް ކުރިމަތިވެފައެވެ. ފިލިޕްސް މިހާތަނަށް މި ސީޒަނުގައި ކުޅެފައި ވަނީ 10 މެޗެއްގައެވެ. އެހެންކަމުން ފިލިޕް ދޫކޮށްލަން ސިޓީން ނިންމާފައިވާ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.

ފިލިޕްސް ދޫކޮށްލަން މީގެ ކުރިން ޔުވެންޓަސް އާއި ނިއުކާސަލްއާވެސް ސިޓީން ވާހަކަތައް ދައްކާފައިވާ އިރު، އެއްވެސް ކްލަބާއެކު އަދި އެއްބަސްވެފައެއް ނުވެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ފިލިޕް ލޯނެއްގައި އެހެން ކްލަބަކަށް ފޮނުވާލަން ސިޓީން ވަނީ މީގެ ކުރިން މަސައްކަތް ކޮށްފައެވެ. އެކަން ހާސިލުނުވެގެން އުޅޭ އެއް ސަބަބަކީ ސިޓީން ލޯން ފީއަކަށް ޑިމާންޑް ކުރުމުން ކަމަށްވެސް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.

ވެސްޓް ހަމްގެ ކޯޗު ޑޭވިޑް މޮޔެސް، ކްލަބުގެ ސްކޮޑު ވަރުގަދަކުރަން މަސައްކަތް ކުރަމުންދާ އިރު، އެ ކްލަބަށް މިހާތަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަތަކެވެ. މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ލޫކަސް ޕަކޭޓާ އާއި މިޝޭލް އެންޓޯނިއާ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ އިރު، އެޑްސަން އަލްވަރޭޒްވެސް މިހާރު ހުރީ އަނިޔާގައެވެ.

ފިލްޕްސް ހޯދަން ވެސްޓް ހަމްއިން މަޝްވަރާ ފަށާފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ކްރިސްޓަލް ޕެލެސްއިންވެސް ދަނީ އޭނާއަށް ލޯ އަޅަމުންނެވެ.