ރައީސް ޑރ. މުހައްމަދު މުއިއްޒު 'ޤަޟާއީ އަހަރު 2024' އިފްތިތާހުކޮށްދެއްވައިފިއެވެ.

"ޤަޟާއީ އަހަރު 2024" ރައީސް އިފުތިހާހުކޮށްދެއްވީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސެއިނާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒްނާ އާއި ސުޕީރިއާ އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން ސަރުކާރު މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވަނީ ޝަރުއީ ދާއިރާއަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވައިފައެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ.

ޤަޟާއީ އަހަރު އިފްތިތާހާކުރަނީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމަށެވެ.