ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް މާލެ ގެނެވޭނެ ގޮތް ނުވެ، ލަސްވާތީ އެ ހޮސްޕިޓަލް ކައިރީގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.
އިހުތިޖާޖުގެ ބައިވެރިން ވަނީ ގއ. އަތޮޅު ހޮސްޕިޓަލުގެ ނަން ބޯޑު މަތީގައި "ގއ. ވިލިނގިލީ ހެލްތު ޕޯސްޓް" ކަމަށް ލިޔެފައިވާ ގަނޑެއްވެސް ހަރުކޮށްފައެވެ.
އެކަމާ ގުޅިގެން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަވަސް ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތި އެތައް އިރެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާދެމުންދާ 13 އަހަރުގެ ކުއްޖެއްގެ ހާލަތު ދަށްވަމުންދާ ކަމަށެވެ.
"އަވަސް ފަރުވާ ބޭނުންވާ ހާލަތުގައި ގައުމުން ލިބެންހުރި ވަސީލަތް ބޭނުން ނުކޮށް މިފަދަ ކަންކަން ލަސްވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް. މީގެ ކުރިން މިފަދަ ހާލަތުގައި ހެލިކޮޕްޓަރު ބޭނުންކޮށްގެން ވަރަށް އަވަހަށް ބަލި މީހުންނަށް ވަނީ އަވަސް ފަރުވާ ލިބިފައި" ސައުދު ވިދާޅުވިއެވެ.
ސައުދު އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންނަށް އަޅާލުން ކުޑަ، ރައްޔިތުންނަށް ކޮންމެ ގޮތެއްވިޔަސް "ވަރިހަމަ" ސަރުކާރެއް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެ ހޮސްޕިޓަލަށް ގުޅުމުން، ފޯނަށް ޖަވާބުދީފައި ނުވާތީ، ހޮސްޕިޓަލްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ސަރުކާރުން ވަނީ، އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ނިންމައިފައެވެ. އެކަމަށް ބޭނުން ކުރާނީ މޯލްޑިވިއަންގެ ޑޭޝް މަރުކާގެ ބޯޓެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗުގައި ފަށާ އިރު، މި ސަރުކާރު އައި ފަހުން އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާގެ ބޭނުމެއް ނުކުރެއެވެ. ކުރީ ސަރުކާރުގައި ހެލިކޮޕްޓަރު ބޭނުންކޮށް އުޅުނީ ބަލި މީހުން އުފުލުމަށާއި ސަވައިލަންސް ބައެއް ކަންކަމަށެވެ. ޑޯނިއާވެސް ބޭނުންކުރީ ސަވަލައިންސް މަސައްކަތްތަކާއި "ސާޗް އެންޑް ރެސްކިއު" އޮޕަރޭޝަން ތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު