ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ޗައިނާގެ ފަތުރުވެރިން އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޝިން ވިދާޅުވެއްޖެއެވެ.
އިއްޔެ ބައެއް މީޑިއާތަކާ ބައްދަލުކުރައްވަމުން ލިޝިން ވިދާޅުވީ، ދަތުރުފުޅުގެ ތެރެއިން އެއްބަސްވެވަޑައިގެންނެވި ކަންތައްތައް އިމްޕްލިމެންޓު ކުރަން ޗައިނާގެ ފަރާތުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ޗައިނާގެ ފަތުރުވެރިން އިތުރުކުރުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮވިޑު-19ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. އޭރު ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ސީދާ ދަތުރުތައްވެސް ގިނައެވެ. ނަމަވެސް ޗައިނާއިން އަންނަ ޓޫރިސްޓުން މަދުވުމާއެކު ބައެއް ސީދާ ދަތުރުތައް ހުއްޓާލީއެވެ.
ޝިއަމެން އެއާލައިނުގެ ސީދާ ދަތުރުތައް ޗައިނާ އާއި ރާއްޖެއާ ދެމެދު ފަށާނެ ކަމަށް ރައީސް މުއިއްޒު އިއުލާންކުރެއްވީ ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އިތުރު އެއާލައިނެއްގެ ޗާޓާޑް ފްލައިޓުތައްވެސް ރާއްޖެއަށް ފަށަން ނިންމާފައިވާ ކަމަށް ސަފީރު ލިޝިން އިއްޔެ ވިދާޅުވިއެވެ. އެގޮތުން، ފުރަތަމަ އެ ދަތުރުތައް ފަށާނީ ޗައިނާގެ ފޫޖީ ސިޓީއަށް ކަމަށާއި ތާއީދަށް ބެލުމަށް ފަހު، ކޮމާޝަލް ދަތުރުތައްވެސް ފެށުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.
"ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންނަށް ވަރަށް ކަމުދާ މަންޒިލެއް. ރައްޔިތުން އިންތިޒާރު ކުރަމުން ދަނީ ސީދާ ދަތުރުތައް އިތުރުކުރޭތޯ" ސަފީރު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ސަފީރު ތަކުރާރުކޮށް ފާހަގަކުރެއްވީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމެވެ. އަދި ރައީސް މުއިއްޒުގެ ދަތުރުފުޅުގައި 20 އެއްބަސްވުމެއްގައި ސޮއިކުރުމަކީ ދެ ގައުމަށްވެސް ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށާއި ދަތުރުގެ ކާމިޔާބީގެ ރަމްޒެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު