މާމުއި ހަނދުވަރުގެ ރޭތަކަށް ނިމުމެއް އައިސްފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، ސަރުކާރަށް އިންޒާރު ދެއްވައިފިއެވެ.

ފައްޔާޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަނިޔާވެރިކަމާއި އޮޅުވާލުމާއި ހުދުމުހުތާރުކަން ނައްތާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

"މާމައު ހަނދުވަރުގެ ރޭތައް ނިމުމަކަށް މިއައީ. އަނިޔާވެރިކަމާއި، އޮޅުވާލުމާއި، ހުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން މިހާރު މިއޮތީ ޖެހިފައި،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އެފަދަ މޭރުމަކުން ސަރުކާރަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ދީފައިމިވަނީ މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ 120 މިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރަށް ބަދަލުކޮށް، އެ މަސައްކަތްތައް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުގެ ބައި-އިލެކްޝަންގައި ވާދަކޮށް، އިންތިހާބު ކާމިޔާބުކުރެއްވި އާދަމް އާޒިމް ވެސް ވަނީ ސިޓީ ކައުންސިލުގެ އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ގޮވާލައިފައެވެ.

އާޒިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް، އަދި ގާނޫނުއަސާސީގެ އަށްވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާ ހިލާފަށް، ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލަން ކުރާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

"އަދި މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރު މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ދަންނަވަން،" އާޒިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އަދި ސަރުކާރުގެ ބައެއް ސިޔާސަތާ ގުޅިގެން، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ ލީޑާޝިޕުން ވަނީ މީގެ ކުރިން ވެސް ސަރުކާރަށް ފާޑު ކިޔައިފައެވެ. ވަކިން ހާއްސަކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ފުށިދިއްގަރު މަޝްރޫއަށާއި ސަރުކާރުގެ ހައުސިން ސިޔާސަތަށް އެމްޑީޕީން ވަނީ ފާޑު ކިޔައިފައެވެ.