ނަން އެލައިންޑް މޫވްމެންޓް (ނާމް) އަކީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމުގެ އުންމީދެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޔުގެންޑާގައި ކުރިއަށްދާ 19 ވަނަ ނާމް ސަމިޓުގައި މިއަދު ދެއްވި ތަގުރީރެއްގައި ޒަމީރު ވިދާޅުވީ ނާމް އަކީ ގައުމުތައް އެއްބައިވަންތަވެ، އެކުގައި މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދެއް ކަމަށެވެ. އަދި ނާމް އަކީ ހިޔާލު ތަފާތުވުންތަކާއެކު ވެސް ހަލަބޮލި ދުނިޔޭގައި ގުޅިގެން ކުރިއަށް ދެވޭނެ ކަމުގެ ހެއްކެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ފިކުރީ ބައިބައިވުމާއި އަދާވާތްތެރިކަން އަދި ހަމަނުޖެހުންތައް ހައްލުވެގެންދާނެ ކަމުގެ އުންމީދެއް ނާމްގެ ސަބަބުން ލިބިފައިވާ ކަމަށެވެ. ނާމްގެ ސަބަބުން، ކުދި ގައުމެއް އަދި ބޮޑު ގައުމެއް ތަފާތު ކުރުމެއްނެތި، ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގައުމުތައް ގުޅިގެން މަސައްކަތްކޮށްފިނަމަ ޖިއޯ ޕޮލިޓިކްސްއާއި ކުއްލިއަކަށް ދިމާވާ ކާރިސާތަކުގެ ދިމާވާ ދަތިތަކާ ކުރިމަތިލާނެ ގޮތްތަކެއް ހޯދިގެންދާނެ ކަމަށެވެ.

އިންޓަނޭޝަނަލް ސައިބާ އެޓޭކްސް، ސިއްހީ ކުއްލި ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަމާއި މޫސުމީ ބަދަލުތަކާއެކު ގުދުރަތީ ވެއްޓަށް ދިމާވާ ނުރައްކާތަކަށް ގައުމުތަކުން ސަމާލުވާން ޖެހޭ ކަމަށް ޒަމީރު ވިދާޅުވިއެވެ. ނާމް އުފެއްދުމުގެ މަގުސަދަކީ ވެސް އެފަދަ ކަންކަމަށް ކުރިމަތިލުންކަން ފާހަގަކޮށް، ޒަމީރު ވިދާޅުވީ ނާމް މިހާރަށް ވުރެ ބާރުގަދަ ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޒަމީރު ވިދާޅުވީ، ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ ހައްގު ލިބިގެންވާ ކަމަށާއި އިޒްރޭލުން ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.