މާލޭ ސިޓީ ކައުންސިލުން ހިންގަމުން އަންނަ 120 މިލިއަން ރުފިޔާގެ ބޮޑެތި މަޝްރޫއުތަކެއް ސަރުކާރަށް ބަދަލުކޮށް، އެ މަސައްކަތްތައް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން އެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
ކައުސިލުން އެގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމުގައެވެ.
މީގެ ކުރިން ސިޓީ ކައުންސިލުގެ މުވައްޒަފެއްގެ ގޮތުގައި، އެ މަޝްރޫއުތަކާ ހަވާލުވެގެން ހުންނެވި، މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. އެ މަޝްރޫއުތައް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ހުށަހެޅުއްވީ އޭނާއެވެ.
މިއަދުގެ ބައްދަލުވުމަށް އެކަމާ ބެހޭ ކަރުދާސް ހުށަހަޅުއްވަމުން ޝާހިދު ވިދާޅުވީ، ކައުންސިލުން އެއްބަސްވެފައި ހުރި ހުށަހެޅުންތަކަށް އެއްވެސް ބަދަލެއް ނުގެެނެސް، އެ ޕްރޮޖެކްޓުތައް އަވަސްކުރުމަށް ކަމާ ގުޅޭ ވުޒާރާއަށް ހަވާލުކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.
އެ ޕްރޮޖެކްޓުތައް ސަރުކާރަށް ބަދަލު ކުރި ނަމަވެސް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނުފެށިއްޖެ ނަމަ، އެ ޕްރޮޖެކްޓުތައް އަލުން ސިޓީ ކައުންސިލަށް ބަދަލު ކުރެވޭނެ ކަަމަށްވެސް އޭނާގެ ހުށަހެޅުމުގައިވެއެވެ.
ޝާހިދު ހުށަހެޅުއްވިގޮތަށް ފާސްކޮށްދިނުމަށް، މާލޭ ސިޓީގެ އެކްޓިން މޭޔަރުގެ މަގާމުގައި ހުންނެވި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެދިވަޑައިގެންނެވިއެވެ.
މި ހުށަހެޅުން ފާސްކުރީ، މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލައިގައި އެއް މެމްބަރަކު ވަކި ގޮތަކަށް ވޯޓު ދެއްވައިފައެއް ނުވެއެވެ.
ސަރުކާރުން ކުރިއަށްގެންދަން ހަވާލު ކުރި ޕްރޮޖެކްޓުތަކުގެ ތަފްސީލެއް މި ބައްދަލުވުމައި އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެއެވެ. މާލޭ ސިޓީ ކައުންސިލުން މިގޮތަށް އަމަލު ކޮށްފައި މިވަނީ މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް އަލަށް އިންތިހާބު ކުރެއްވި އާދަމް އާޒިމް މަގާމުގެ ހުވައިކުރެއްވުމަށް ކުޑަތަން ވެފައިވަނިކޮށެވެ. އޭނާ ހުވައިކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު