(12 ޖެނުއަރީގެ އަދަދާ ގުޅޭ)
އިންސާނިއްޔަތުގެ ޤާއިދު صـلّـــــى اللّــــه عــلـيــــه وسـلّـــــم މައްކާ ދޫކޮށްލައްވައި ހިޖްރަކުރައްވައި މަދީނާއަށް ވަޑައިގެންނެވުމުންވެސް މައްކާގެ މުޝްރިކުންގެ ހިތްހަށި ހަމައެއް ނުވެއެވެ. އެބައިމީހުންގެ ޢަދާވަތްތެރިކަމުގެ ބާބު އެހައިތަނުންވެސް ކުރުކޮށެއްނުލައެވެ. އަދި ކީއްތޯއެވެ؟ އަލުން މޯޅިޔަށް ދެމިލައިފައި ޢަމަލީ ކުރިމަތިލުންތަކަށް ފަށައިގަތީއެވެ. ޢަސްކަރީގޮތުން ކުރިމަތިލާނެ ގޮތްތަކާމެދު ފިކުރުހިންގައި ރޭވުންތައް ރާވާން ފަށައިގަތީއެވެ. މައްކާގެ މުޝްރިކުންގެ ޖާސޫސުން ރެއެއް ދުވާލެއްނެތި ގެންދިޔައީ މަދީނާގެ ވަށައިގެން މުގޯލި އަޅަމުންނެވެ. މައްކާގެ މުޝްރިކުންނާއި މަދީނާގެ ޔަހޫދީންނާ ދެމެދު ދިޔައީ މެދުކެނޑުމެއްނެތި ސިޓީބިޓީ ހިނގަމުންނެވެ. މައްކާގެ ޢަސްކަރީ ގެމަތައް ހުއްޓުމެއްނެތި ދިޔައީ މަދީނާގެ ސަރަޙައްދުގައި ހޯރައަޅަމުންނެވެ.
އޭގެ ޖަވާބުގައި މަދީނާގެ އިސްލާމީ ދައުލަތަށްވެސް މަޖްބޫރުވެފައިވަނީ އަމިއްލަ ދިފާޢީ ނިޒާމެއް ޤާއިމުކުރާށެވެ. ޢަސްކަރީ ގެމަތަކާއި ޚަބަރުހޯދައި މަޢުލޫމާތު އެއްކުރާ ވިލިވިލި ފަރާތްފަރާތަށް ފޮނުވާށެވެ. ޤުރައިޝުންގެ ޖާސޫސުންނާއި ޢަސްކަރީ ގެމަތަކުގެ އައިސްގޮސްވުމާ ބެހޭގޮތުން މަޢުލޫމާތު އެއްކުރަމުން ގެންދާށެވެ. އައު ދައުލަތުގެ ސަރަޙައްދަށް ފަރިތަވެ އެ ސަރަޙައްދުގެ ޖޯގްރަފީ ޙާލަތަށް ފިސާރިޔަކަށް ހޭނޭށެވެ. އިސްލާމީ ދައުލަތުން ފޮނުވަމުންގެންދިޔަ ބުރުޖަހާ ގެމަތަކުގެ އަދި އެހެން މަޤްޞަދެއްވެސް އޮތެވެ. އެއީ މުސްލިމުންވެސް ތިބީ ނިދައިފައެއް ނޫންކަމާއި ފިސާރި ހޭލައި ބަލަހައްޓައިގެންކަން މައްކާގެ މުޝްރިކުންނަށް އެންގުމެވެ. މައްކާގެ މުޝްރިކުން އަމާންކަމާއި ޞުލްޙަވެރިކަމުގެ ވެށި ކިލަނބުކުރަމުން ގެންދާކަމުގައިވާނަމަ މައްކާގެ ވިޔަފާރި ޤާފިލާތައް ޝާމުކަރަޔަށް ދަތުރުކުރާ މަގުތައް ބަންދުވެދާނެކަމަށް ދުރާލައި އިންޒާރު ދިނުމެވެ.
އިސްލާމީ ދައުލަތުން ފަށައިފައިވާ މި މުހިންމަތުގެ ދަށުން ހިޖުރައިން ދެވަނަ އަހަރުގެ ރަޖަބުމަހުގެ ތެރޭގައި އަށްބޭކަލަކު ފޮނުވިއެވެ. ޤުރައިޝުން ހިންގާ ޙަރަކާތްތަކާއި ކުރިޔަށް ރާވައިފައިހުރި ޢަސްކަރީ ރޭވުންތަކުގެ މަޢުލޫމާތު އެއްކުރެއްވުމަށްޓަކައެވެ. އިންސާނިއްޔަތުގެ ޤާއިދު صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ ގެމަ ނެރުއްވިއިރު އެއްވެސްވަރެއްގެ ޢަސްކަރީ ޙަރަކާތެއް ހިންގަވާކަށެއް އެބޭކަލުންނަކަށް ހުއްދައެއް ނުދެއްވައެވެ. އަންގަވައިފައިވަނީ މައްކާއާއި ޠާޢިފާ ދެމެދުގައި އޮންނަ މަންޒިލެއްކަމުގައިވާ ނަޚްލާއަށް ވަޑައިގެން މަޑުކުރައްވާށެވެ. އެތާނގައި ތިއްބަވައިގެން ޤުރައިޝުންގެ ޚަބަރު ހޯއްދަވައި މަދީނާއަށް ފޮނުއްވަމުން ގެންދަވާށެވެ. އެކަމަކު އިއްތިފާޤުން ދިމާވި ހާދިސާއެއްގެ ސަބަބުންވަނީ ތަފާތު ނަތީޖާއެއް ނުކުމެފައެވެ. ޤުރައިޝުންގެ ކުޑަކުޑަ ވިޔަފާރިއަކަށް މުސްލިމުންގެ ޚަބަރު ހޯދާ ގެމައިގެ ކުރިމައްޗަށް ނުކުމެވި މުސްލިމުން މުޝްރިކުންނަށް ޙަމަލަދިނީއެވެ. މިއީ ދެފަރާތުގެ ދެމެދުގައި އުފެދިފައިއޮތް ދެކޮޅުވެރިކަމާއި އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލުމުގެ ވިސްނުމުގެ ސަބަބުން ހިނގިކަމެކެވެ. އިސްލާމީ ރިޔާސަތުގެ ގެމައިގެ ބޭކަލުން މުޝްރިކުންގެ ވިޔަފާރި ޤާފިލާއަށް ޙަމަލަދެއްވައި އޭގެތެރެއިން އެކަކު ޤަތުލުކުރައްވާއިރަށް މުޝްރިކުންކުރެ އެކަކު ފިލައިގެން ހިނގައްޖެއެވެ. މުސްލިމުން އެ ޤާފިލާގައި ދެންތިބި ދެމީހުން ހައްޔަރުކުރައްވައި ޤާފިލާގެ މުދާ ޣަނީމާކުރައްވައިގެން މަދީނާއަށް ވަޑައިގެންފިއެވެ.
މި ހާދިސާ ހިނގީ ރަޖަބުމަހުގެ އެންމެފަހު ދުވަހުކަމެއް ނުވަތަ ޝަޢުބާންމަހުގެ އެއްވަނަދުވަހު ކަމެއް ކަށަވަރެއް ނުވެއެވެ. ޝަޢުބާންމަހުގެ ހަނދު ފެނުނުކަމެއް ޔަޤީނެއް ނުވެއެވެ. އެހެންކަމުން މުސްލިމުންގެ ޢަދުއްވުންނަށް މި ހާދިސާ ހިމެނުނީ މުސްލިމުންނާ ދެކޮޅަށް ވަރުގަދަ ޕްރޮޕެގެންޑާގެ ހަނގުރާމައެއް ހިންގައިލާން ލިބުނު ރަނުގެ ފުރުސަތެއް ކަމުގައެވެ. މިކަމުގެވެސް މޭސްތިރީންނަކީ މުސްލިމުންގެ އަޒަލީ ދުޝްމިނުންކަމުގައިވާ ޔަހޫދީންނެވެ. ދެވަނަޔަށް ތިބީ ޔަހޫދީން މުސްލިމުންގެ ތެރޭގައި އުފެއްދި ފަސްވަނަ ކޮލަމް ކަމުގައިވާ މުނާފިޤުންނެވެ. ތިންވަނަޔަށް މި ހާދިސާއިން ސީދާ ގެއްލުން ލިބުނު ފަރާތްކަމުގައިވާ މައްކާގެ މުޝްރިކުންނެވެ. އެފަރާތްތަކުންވަނީ މި ހާދިސާ ހިނގި ދުވަހަކީ ރަޖަބުމަހުގެ (ޙުރުމަތްތެރި މަހެއްގެ) އެންމެ ފަހުދުވަސް ކަމުގައި ކަނޑައަޅައި މުސްލިމުންނާމެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމުގެ މުހިންމަތެއް ފަށައިގެންފައެވެ. އެބައިމީހުން އަޑުއެރުވިއެވެ.
"މުސްލިމުންނޭ ކިޔައިގެން މިއުޅޭ ބައިގަނޑަކީ ކެހިވެރި މަކަރުވެރި ބައެކެވެ. މާދީންވެރި ނިޔަނެތި ރައްބާނީ ބަޔަކުކަމުގައި ހެދިގެން އުޅޭއިރު ޙުރުމަތްތެރި މައްސަރެއްގައި ލޭއޮހޮރުވާކަށެއްވެސް ފަހެއް ނުޖެހެއެވެ." (ތަފްހީމުލްޤުރްއާން)
މި ޕްރޮޕެގެންޑާއަކީ މުސްލިމުންގެ ޙައްޤުގައި ވަރަށްވެސް ގެއްލުންހުރި ޕްރޮޕެގެންޑާއެކެވެ. ނުވަރޭ ފެނުތެރޭގައިއޮތް ކުޑަކުޑަ އިސްލާމީ ރިޔާސަތުގެ ވަށައިގެންތިބީ ދުޝްމިނުންނެވެ. ހަފަރާތުންވެސް ފުމޭއަޑުއިވެނީ ނުރައްކަލުގެ ތާޅަފިއްޔެވެ. ވަގުތާއި ޙާލަތު ނިޔާކުރާގޮތުން އެވަގުތު ކޮންމެ ފަރުދެއްގެވެސް ކޮންމެ ވިއްޔެއްގެވެސް ޙިމާޔަތަށް އެދައުލަތް އޮތީ ބޭނުންވެފައެވެ. އެއްވެސްފަރާތެއްގެ ތާއީދު ލިބޭތޯ ނުބަލައި ދޫކޮށްލުމަކީ އެދައުލަތަށް ކުރެވޭން އޮތްކަމެއް ނޫނެވެ. އެހެންކަމުން އެދައުލަތަކީ ޙުރުމަތްތެރި މައްސަރުތަކުގެ ޙުރުމަތްކަނޑާ ދައުލަތެއްކަމުގައި ޢަރަބި ބައްރަށް އަޑު އެރުމަކީ އެދައުލަތް ވަރަށް ނުސިޔާނު ބިރުވެރި ކަމަކަށް ހުށަހެޅުމެވެ. އެހެނީ ޢަރަބީންގެ ދީނީ އަދި މަޢީޝީ ނިޒާމުގެ ދެމިއޮތުން ބިނާވެފައިއޮތީ އެ ޙުރުމަތުގެ މައްޗަށެވެ. މިފަތުރައިލެވުނު ޕްރޮޕެގެންޑާއަކީ ކުޑަކުޑަ އިސްލާމީ ދައުލަތް އެހެންމީހުންގެ ޙިމާޔަތުން މަޙްރޫމުކޮށް ބުރަކަށީގައި އަތްއަޅައި ދުޝްމިނުންގެ ތެރެޔަށް ކޮއްޕައިލުމެވެ. އެހެނީ މިކަމަކީ ޢާންމުންގެ ނާޒުކު ދީނީ ޖަޒުބާތާ ގުޅިފައިވާ ކަމެކެވެ. މިއީ މުސްލިމުންގެ ކުޑަކުޑަ ދައުލަތާމެދު ޢާންމުން ދުޝްމިނުކުރުވާނެ ސަބަބެކެވެ. ޚާއްޞަކޮށް މި ޕްރޮޕެގެންޑާއަކީ އެއްކައުވަންތަ ކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރާ ދީންވެރި ބައެއްގެ ހައިސިއްޔަތުންނާއި ޚުލުޤު ރަނގަޅު ބައެއްގެގޮތުން މުސްލިމުންގެ ޒިންމާދާރުކަން ނަފީކުރާކަހަލަ ހާދިސާއެކެވެ.
ނަޚްލާގެ ހާދިސާއަކީ ޚުދު އިސްލާމީ ދައުލަތުގެ ނަޒަރުގައިވެސް ބަލައިނުގަނެވޭފަދަ ނުރުހެވޭ ހާދިސާއެކެވެ. އެހެނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚަބަރުހޯދާ ގެމައެއް ނަޚްލާއަށް ފޮނުއްވިއިރު އެ ގެމަޔަކަށް އެއްވެސްކަހަލަ ޢަސްކަރީ ކުރިމަތިލެއްވުމެއްގެ އިޚްތިޔާރެއް ނުދެއްވައެވެ. އެކަމަކު މުސްލިމުންގެ އެ ގެމައިންވަނީ އުސޫލުތަކުގެ އިމުން ނުކުމެވަޑައިގެން އިސްލާމީ ދައުލަތުގެ މުޅިރޭވުމަށް ނޭދެވޭ އަސަރުތަކެއް ފޯރާނެ ފިޔަވަޅެއް އަޅުއްވައިފައެވެ. އިސްލާމީ ދައުލަތުން ބުރުޖަހާ ގެމަތަކެއް ނެރުއްވުމުގެ މަޤްޞަދަކީ ކުރިންވެސް ދެންނެވި ފަދައިން އަމިއްލަ ދިފާޢެވެ. މަޢުލޫމާތު ހޯދުމާއި ޖޯގްރަފީ ދެނެގަތުމެވެ. އިސްލާމީ ދައުލަތުގައި ބާރު އެބަހުރިކަމާއި އެ ދައުލަތުގައި ހައިބަތާއި ކެރިފޯރުންތެރިކަން އެބަހުރިކަމުގެ އިޙްސާސް އަވަށްޓެރީންގެ ހިތްތަކަށް ވައްދައިދިނުމެވެ. އެހެންކަމުން ނަޚްލާގެ ހާދިސާއަކީ އިމުންބޭރުން ހިންގުނު ޣައިރު ޤާނޫނީ ހާދިސާއެކެވެ. ތަޙްރީކުގެ މަޤްޞަދާ ޚިލާފުވާ ކަމެކެވެ. އެފަދަ ކަންކަމަކީ ތަޙްރީކުގެ ޑިސިޕްލިން ހިފެހެއްޓުމަށްޓަކައި ތައުދީބީ ފިޔަވަޅު އަޅާންޖެހޭ ކަމެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނުހަނު ސާބިތުކަމާއެކު އެފިޔަވަޅުފުޅުތައް އެޅުއްވިއެވެ. ހައްޔަރުކުރެވިފައިތިބި ޢަސްކަރީ ދެ ޤައިދީން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. އަތުލެއްވި ޣަނީމާޔާ ދައުލަތުން ޙަވާލުވެވަޑައެއް ނުގެންނެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަނީ ނަޚްލާގެ ހާދިސާގައި ހައްޔަރުވި ދެ އަސީރުން ދޫކޮށްލައްވައި ޤަތުލުވިމީހާ (عـمــــرو بـــن الحـضــــرمِـــى) ގެ ވާރިޘުންނަށް މަރުގެ ދިޔަ ދެއްވައިފައެވެ.
އިސްލާމީ ދައުލަތުން ވަނީ އެދައުލަތުގެ އަމިއްލަ އިސްނެގުމުގައި މި މައްސަލައިގައި ފިޔަވަޅު އަޅައިފައެވެ. އެވަގުތާ ނުހަނުގުޅޭ އަދި މުނާސަބު ފިޔަވަޅުތަކެކެވެ. އެކަމަކުވެސް ފާސިދު ޔަހޫދީން އެބައިމީހުންގެ ޕްރޮޕެގެންޑާ މެޝިނަކަށް ހުއްޓުމެއް ނުގެނައެވެ. އެހެންކަމުން އެޠޫފާން މަތަކުރާން ބޭނުންވީ ފިސާރި ބާރުހުރި ޖަވާބެކެވެ. ފުރިހަމަޔަށް ހެކިދެއްކިފައިވާ ޖަވާބެކެވެ. އަޚްލާޤީ އަސަރުހުރި ޖަވާބެކެވެ. އެހެންކަމުން މާތް اللّــــه سبحـــانــــه وتــعــــالــــى އެކަލާނގެ ވަޙީފުޅުގެ ޒަރީޢާއިން އެފަދަ ޖަވާބެއް ދެއްވިއެވެ. އެކަލާނގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މެދުވެރިކުރައްވައެވެ.
"ޙުރުމަތްތެރިވެގެންވާ މައްސަރުގައި ހަނގުރާމަ ކުޅައުމަކީ ކޮންކަހަލަ ކަމެއްތޯ އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ މައްސަރުގައި ހަނގުރާމަ ކުޅައުމަކީ ބޮޑުވެގެންވާ ފާފައެކެވެ. (އެކަމަކު) اللّــــه ގެ މަގުން (މީސްތަކުން) ދުރުކުރުމާއި އެކަލާނގެއަށް ކާފިރުވުމާއި ޙުރުމަތްތެރިވެގެންވާ މިސްކިތަށް ވަނަނުދިނުމާއި އެތާނގެ އަހުލުވެރިތަކުން އެތަނުން ނެރެލުމުގެ ފާފަވެރިކަން اللّــــه ގެ ޙަޟުރަތުގައި މާބޮޑެވެ. އަދި ޤަތުލުކުރުމަށްވުރެ ފިތުނަވެރިކަމުގެ ނުބައިކަން މާބޮޑެވެ. އަދި އެއުރެންނަށް ކުޅަދާނަވެގެންވަނީނަމަ ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށް ކާފިރުކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާންދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައިނުދާނެތެވެ." (الــبـقــــــرة: 217)
މި ހާދިސާއިން ސާފުކޮށް އެނގިފައިވާގޮތުގައި އިސްލާމީ ތަޙްރީކުގެ މެންބަރުން ތިއްބެވީ ދެކޮޅުވެރީންގެ ޕްރޮޕެގެންޑާގެ ޠޫފާނުގެ ސަބަބުން ނުހަނު ފިކުރުފުޅު ބޮޑުވެފައެވެ. ކަންބޮޑުވެވަޑައިގެންފައެވެ. ޙުރުމަތްތެރި މައްސަރެއްގައި ހަނގުރާމަކުރުމަކީ އިސްލާމީ ޤާނޫނުގެ ނަޒަރުން ބަލާއިރު ކޮންކަހަލަ ކަމެއްތޯ އެބޭކަލުން ގެންދެވީ ސުވާލުކުރައްވަމުންނެވެ. މުސްލިމުންކުރެ ހެޔޮކަމާ ޞުލްޙަމަސަލަސްކަމަށް ޚާއްޞަގޮތެއްގައި ލޯބިކުރައްވާ ބޭކަލުން ތިއްބަވަނީ އެރޮނގުން ކިރިޔާވެސް ކަސިޔާރުވެވަޑައިގެންނެވިދާނެތީ ކަންބޮޑުވެވަޑައިގެންފައެވެ. ދީނުގެ ރޫޙާ ޚިލާފުވެވަޑައިގެންނެވި ތަޤްވާގެ ޖައުހަރު އަތްޕުޅުން ބީކޮށްލެއްވިދާނެތީ ޖެހިލުންވެވަޑައިގެންފައެވެ. ސިޔާސީ ވިސްނުންފުޅުގައި މުސްލިމުންގެ ޙަޔާތުގެ އަސްލު މަޤްޞަދާ ފޭވެވަޑައިގެންނެވިދާނެތީ އެބޭކަލުން ބިރުފުޅުގެން ވަޑައިގަނެއެވެ. ވަކީން ޚާއްޞަކޮށް އެބޭކަލުންގެ މަސައްކަތްޕުޅެއްގެ ސަބަބުން ޢާންމުން ދީނުގެ މަގާ ދުރަށް ކޮއްޕައިލެއްވިދާނެތީ ފަސްޖެހިވަޑައިގަންނަވައެވެ. އެހެންކަމުން އެބޭކަލުން ތިއްބެވީ މި މައްސަލަޔާ ގުޅޭގޮތުން ހިތްޕުޅުގެ ސާބިތުކަން ލިބިވަޑައިގެންނެވުން ވަރަށްބޮޑަށް އެދިވަޑައިގެންނެވެ. އެބޭކަލުންގެ ހިތްޕުޅުތަކުގައިވާ ސުވާލުތަކުގެ ފަސްމަންޒަރަކީ މިއީއެވެ.
އިސްލާމްދީނުގެ ދުޝްމިނުންގެ ޕްރޮޕެގެންޑާތަކަށް އިސްވެދިޔަ މާތް އާޔަތުގައި ޖަވާބު ދެއްވައިފައިވަނީ މުސްލިމުންގެ މި ޝުޢޫރުތަކުގެ ނުހަނު މަތީދަރަޖަޔަކަށް ރިޢާޔަތްކުރެއްވުމާ އެކުގައެވެ. ބަޔާންކުރައްވައިފައި އެވަނީ ޚުދު މައްކާގެ މުޝްރިކުންނަކީ މާތް اللّــــه ގެ މަގުން މީސްތަކުން އެއްކިބާކުރާ ބަޔަކުކަމުގައެވެ. މީސްތަކުން މާތް اللّــــه އަށް ކާފަރުކުރުވާން ގަދައަޅައި މަސައްކަތްކުރާ ބަޔަކު ކަމުގައެވެ. މާތް اللّــــه ގެ ޙަރަމަށް ޒިޔާރަތްކުރާ މީހުން ހުއްޓުވައި ޒާއިރުންގެ މަގުބަންދުކުރާ ބަޔަކު ކަމުގައެވެ. ޙަރަމްފުޅުގެ އަހުލުވެރީންނަށް ދަތިކޮށް އުނދަގޫކޮށް ޙަރަމްފުޅުގެ ސަރަޙައްދުން ނެރުމުގެ ކުށްވެރީން ކަމުގައެވެ. އެފަދަ ބަޔަކު ޙުރުމަތްތެރި މައްސަރުތަކޭ ގޮވަމުން މިހާރު މައިދާނަށް ނުކުމެގެން މިއުޅެނީ ކޮންހައިސިއްޔަތެއް އޮވެގެންތޯއެވެ. މި މާތް އާޔަތުގައި ޔަހޫދީންނާއި މުނާފިޤުންނާ މުޚާޠަބުކުރެއްވުންވެސް ހިމެނެއެވެ. މައްކާގެ މުޝްރިކުން ބަޔާންވެދިޔަ ހުރިހައި އަނިޔާތަކެއްކޮށް އިސްލާމީ ޝަޢާއިރުތަކުގެ ޙުރުމަތް ކަނޑަމުން ގެންދިޔައިރު ޔަހޫދީން ތިބީ ތައްބައްދައިގެންކަން ހަނދާންކޮށްދެއްވައިފައެވެ. އަދިވެސް އެކަން އިޙްސާސު ނުވަނީތޯ ސުވާލު ކުރައްވައިފައެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން