މި ދުވަސްވަރު ޖައްވު ނުސާފުކޮށް ފެންނަނީ އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ނެރުނު އިންފޯގްރަފިކެއްގައި ބުނީ އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފުވެ، ހަމަލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން، ސާފު ދުވަހެއްގައި ދިހަ ކިލޯމީޓަރަށްވުރެ ދުރަށް ފެންނަ ނަމަވެސް، ވޭތުވެ ދިިޔަ 24 ގަޑިއިރުގެ ތެރޭގައި ހާއްސަކޮށް މެދުރާއްޖެތެރެއަށް އެ ދުރުމިން ފަސް ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ ނުސާފު ވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވެ، ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރާތީ ކަމަށެވެ. އަދި އެއާ ކޮލިޓީ އިންޑެކްސްގެ ރޭޖުން ބަލާ އިރު، އުތުރާއި މެދު ރާއްޖެތެރެ ހުރީ 200 އާއި 151 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ ވައިގެ ކޮލެޓީ ހުރީ ސިއްހީގޮތުން ނުރައްކާތެރި ލެވެލެއްގައި ކަމަށެވެ. އެކަމުގެ ސަބަބުން ނޭވާލާާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތް ކަމަށާއި މި ދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށެވެ.