ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އަޅަން ރަސްފަންނު ކުރިމަތީގައި އޮތް ބިން ކޮރަލް ބުލެވާޑަށް ދިނުމަށްފަހު އަތުލައި، އެހެން ބިމެއް އެ ކުންފުންޏަށް ނުދިން މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ޕްލޭނިން މިނިސްޓްރީގެ މައްޗަށް ކޮރަލް ބުލެވާޑަށް ދައުވާ ކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
އެ ކޯޓުން މިގޮތަށް ކަނޑައެޅީ، އެ ކުންފުންޏަށް ބިން ނުދިން މައްސަލައިގައި ބަދަލުގެ ގޮތުގައި 426.8 މިލިއަން ޑޮލަރު (6.5 ބިލިއަން ރުފިޔާ) ދައުލަތުގެ ފަރާތުން ހޯދުމަށް ކުރި ދައުވާއާ ގުޅިގެން އެ ކޯޓުން މިއަދު ކުރި ހުކުމުގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކޮރެލް ބޮލެވާޑަށް ރަސްފަންނު ކުރިމަތިން ދިން ބިން އަތުލުމަށްފަހު ހުޅުމާލެއިން އެ ކުންފުންޏަށް ބިމެއް ދޭން ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2019 ވަނަ އަހަރުއެވެ. ނަމަވެސް އެކަމަށް އާ ބިމެއް ދީފައެއް ނުވެއެވެ.
އެ މައްސަލައިގައި ކޮރަލް ބުލެވާޑުން ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާގައި ވަނީ، އާ ބިމަށް އެތަން ބަދަލުކުރެވިފައި ނުވާތީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 426.8 މިލިއަން ޑޮލަރު ދައުލަތުގެ ކިބައިން ނަގައިދިނުމަށް އެދިފައެވެ.
އެ ދައުވާ އެގޮތުގައި ކުރިއަށް ގެންދިއުމާ މެދު ދައުލަތުން ދެކޮޅު ހެދީ ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ބައި އެ ދައުވާގައި ނުހިމެނޭނެ ކަމަށް ބުނެއެވެ. އެހެންކަމުން ސިވިލް ކޯޓުން ވަނީ ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށް ނިންމައިފައެވެ.
އެއާއެކު ޕްލޭނިން މިނިސްޓްރީގެ މައްޗަށް އެ ދައުވާ ކުރެވޭނެ ކަމަށް ކޯޓު ހުކުމުން ވަނީ ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު