ހަށިގަނޑުގައި ޓެޓޫ ޖަހާފައިވާ ތަންތަނަކީ ނަޖިސްތަންތަންކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ހަނދާންކޮށްދީފިއެވެ.

އިއްޔެ ނެރުނު ފަތުވާއަކީ އެ މަޖިލީހުން އަސްލު، 2019 ވަނަ އަހަރުގެ އޮގަސްޓު 27ގައި ނެރުނު ފަތުވާއެކެވެ. އިއްޔެ ވަނީ އެ ފަތުވާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖުލިހުގެ މީޑިއާ އެކައުންޓްތަކުގައި އަލުން އާންމު ކޮށްފައެވެ.

އެ މަޖިލީހުން ނެރުނު ފަތުވާގައިވަނީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި އެއްވެސް ސިފައެއްގައި، ޓެޓޫ ޖަހައި ހެދުމުން އެކަން ވާނީ، މާތްﷲ ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށެވެ. ޓެޓޫ ޖަހާފައިވާ ތަނަކީ، ނަޖިސް ތަނެއްގެ ގޮތުގައި އިލްމުވެރިން ވިދާޅުވާކަމުގައެވެ. ހަމަ އެއާއިއެކު އެއްވެސް ސިފައެއްގައި އިންސާނާ ހަށިގަނޑުގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއްކަމަށެވެ.

އެ މަޖީލީހުން އިތުރަށް ބުނެފައިވަނީ ކީރިތި ޤުރުއާނާއި، ކީރިތިރަސޫލާގެ ސުންނަތާއި، ދިނީ އިލްމުވެރިންގެ ބަސްފުޅުތަކުންނާއި، ބުއްދީގެ ހަމަތަކުގެ އަލީގައި ދިރާސާކުރުމުން ކަން އޮތީ މިގޮތަށްކަން އެނގޭ ކަމަށެވެ.

އެގޮތުން ހަށިގަނޑުގެ އެތަންމިނަތުގައި، ޓެޓޫގެ ގޮތުގައި، ލިޔުންތަކާއި ހައިވާނުތަކާއި ދޫނީގެ ސޫރަތަކާއި އެނޫންވެސް ސިފަސިފަޔަށް ހުންނަ ތަކެތި ޖެހުމަކީ އިސްލާމްދިނުގައި ހަރާމްކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.