އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ، އަދި އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ރޭ އައިވޮރީ ކޯސްޓްގައި ފަށައިފިއެވެ.
ޖުމުލަ 24 ޓީމަކުން ވާދަކުރަމުން އަންނަ އެފްކޯން އައިވޮރީ ކޯސްޓްގެ އަބިޖާންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ފެށީ އެފްރިކާގެ ސަގާފަތާއި ތާރީހު ދައްކުވައިލި ހާއްސަ ފެށުމުގެ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތު ކުލަގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، 60.000 މީހުންގެ ސްޓޭޑިމަށް 36،000 އަށްވުރެ ގިނަ ސަޕޯޓަރުން ވަދެ އޮތެވެ.
ފުރަތަމަ މެޗުގައި ހޯސްޓް އައިވޮރީ ކޯސްޓުން ގީނީ-ބިސާއޫއާ ދެކޮޅަށް ނުކުމެފައިވާ އިރު، މެޗުގެ ފުރަތަމަ ފަސް މިނެޓްވެސް ނުހިނގަނީސް ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް-ނަސްރަށް ކުޅޭ ސެކޯ ފޮފާނާ ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލާއެކު އައިވޮރީ ކޯސްޓުން ފެށުން ރަނގަޅު ކުރި ނަމަވެސް ހާފު ނިމުމުގެ ކުރިން ގީނީ-ބިސާއޫއަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފަށް ނުކުމެވެސް ހާފުގެ ފެށުން ރަނގަޅުކުރީ އައިވޮރީ ކޯސްޓުންނެވެ. އެޓީމުން ވަނީ މެޗުގެ 58 ވަނަ މިނެޓުގައި ދެވަނަ ގޯލެއް ޖަހައި ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ. އެ ގޯލު ޖެހީ ޖީން-ފިލިޕް ކްރާސޯއެވެ.
އެފްކޯންގެ ގްރޫޕް ސްޓޭޖު މެޗުތައް މިރޭވެސް އޮންނާނެއެވެ. މިރޭ ފުރަތަމަ މެޗުގައި ނައިޖީރިއާއިން އެކުވެޓޯރިއަލް ގީނީއާ ދެކޮޅަށް ނުކުންނަ އިރު، ދެން އޮތް މެޗުގައި މިސްރުން ނުކުންނާނީ މޮޒަމްބީކާ ދެކޮޅަށެވެ. މިރޭގެ އެންމެ ފަހު މެޗުގައި ގާނާއިން ނުކުންނާނީ ކޭޕް ވޭޑާ ދެކޮޅަށެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން