ޖަޕާނުގެ ފްލައިޓެއް ދަތުރުކުރަނިކޮށް ކޮކްޕިޓް ކުޑަދޮރުގައި ރެނދުލައިގެން އަނބުރާ ޖައްސައިފިއެވެ.

ޖަޕާނުގެ އޯލް ނިޕޮން އެއާލައިންގެ ޑޮމެސްޓިކް ފްލައިޓެއް 59 ދަތުރުވެރީންނާއި ހަ ފަޅުވެރީންނާއެކު ކުރަމުންދިޔަ ދަތުރު ހުއްޓާލައި، އަނބުރާ ޖައްސާފައިވާއިރު އެފްލައިޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ބޮއިންގ 737-800 މަރުކާގެ އެ ފްލައިޓު ދަތުރުކުރަމުން ދިޔައީ އެ ގައުމުގެ ސަޕަރޯ އެއާޕޯޓުން ޓޮޔާމާ އެއާޕޯޓަށެވެ.

އެއާލައިންގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި ފުލައިޓުގައި ރެނދުލީ ނަމަވެސް ކޮންޓްރޯލާއި ޕްރެޝަރަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ފުލައިޓު އަނބުރާ ޖެއްސީ ފަސިންޖަރުންގެ ރައްކާތެރިކަމަށް ބަލާފައި ކަމަށްވެސް ބުނެފައިވެއެވެ.

ދާދި ފަހުން ވަނީ ބޮއިން 737 މެކްސް މަރުކާގެ ގިނަ ފްލައިޓުތަކަކަށް މައްސަލަތަކެއް ދިމާވެ ބޮއިންގް ކުންފުނީގެ ފްލައިޓުތަކުގެ ކޮލިޓީއާ މެދު ސުވާލު އުފައްދާފައެވެ. އެގޮތުން ގިނަ އެއާލައިން ތަކުން ވަނީ އެ މަރުކާގެ ފްލައިޓުތައް ދުއްވުން މަނާކޮށްފައެވެ.