އަންނަ މާޗު މަހުން ފެށިގެން ރާއްޖޭގައި ބަލިމީހުން އުފުލާނީ އިންޑިއާއިން ހަދިޔާކުރި ހެލިކަޕްޓަރާއި ޑޯނިއާ ބޯޓުގައި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަނާމަ ދަތުރުފުޅަށްފަހު، އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އަންނަ މާޗު މަހުން ފެށިގެން އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލަން ފަށާނެ ކަމަށެވެ.

ހެލިކަޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާ ބޯޓު މިހާރު ބަދަލުކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރުތަކުގައި ޕައިލެޓުންގެ ގޮތުގައި މިހާތަނަށް މަސައްކަތްކުރަމުން ގޮސްފައިވަނީ އިންޑިއާ ސިފައިންގެ ޕައިލެޓުންނެވެ. އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ މަސައްކަތްތައް ކުރި ނަމަވެސް، އިންޑިއާ ސިފައިން ހަރަކާތްތެރިވުމަކީ މި ސަރުކާރުގެ ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވައިލުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.