ޝިއަމަން އެއާ އިން ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ދަތުރުފުޅުގެ ތެރެއިން ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އިތުރުކުރުމަށްޓަކައި ވަރަށް ގިނަ މަޝްވަރާތައް ކުރެވި، ވަރަށް ގިނަ ކާމިޔާބީތައް ލިބިގެންދިޔަ ކަމަށާއި ޑައިރެކްޓް ފުލައިޓުތައް އިތުރުކުރުމަށްޓަކައި ވެސް ވަރަށް ގިނަ މަޝްވަރާތައް އެންމެ މަތީ ލެވެލްގައި ކުރެވިގެންދިޔަ ކަމަށެވެ.

"މި ދަތުރުގައި ޝިއަމަން އެއާ އިން ރާއްޖެއަށް ޑައިރެކްޓް ފުލައިޓުތައް މި ސްޕްރިންގްގައި ފެށުމަށްޓަކައި އެ ފަރާތުން ވަނީ ކަނޑައަޅާފައި. ޝިއަމަން އިން މާލެއަށް، މާލެއިން ޝިއަމަންއަށް. އޭގެ އިތުރަށް އެކިއެކި ޑެސްޓިނޭޝަންތައް ވެސް އިތުރުކުރެވިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކުރުން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށާއި ކޮވިޑުގެ ކުރިން ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އައި އަދަދަށްވުރެ ދެ ގުނަ ފަތުރުވެރިން، ގިނަވެގެން ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އަންނަ ވަރަށް އިތުރުކުރުމަށްޓަކައި މަސައްކަތްތައް ތަރުތީބުވެގެންދިޔަ ކަމަށެވެ.

ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަމުންދިޔައީ ޗައިނާ އިންނެވެ. ނަމަވެސް މިހާރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ އިންޑިއާ އިންނެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު މިހާރު މައްސަލަތަކެއް ޖެހި، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރުމަށް ގޮވާލާތީ، އެކަމުގެ އަސަރުކޮށްފައިވާނެކަމުގެ ބިރާ ވަނީ ކުރިމަތިލާން ޖެހިފައެވެ.