ރާއްޖޭގެ 1000 ސިވިލް ސާވަންޓުން ތަމްރީނުކުރުމަށް ޗައިނާގެ ހަރަދުގައި ސްކޮލާޝިޕްތަކެއް ދިނުމަށް ނިންމައިފިއެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި ރައީސް ވިދާޅުވީ، އެކި ދާއިރާތަކުން ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން 1،000 ސިވިލްސާވަންޓުން އެކި ދާއިރާތަކުން ތަމްރީނުކުރުން ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"1،000 ސިވިލް ސާވަންޓުން ކުރިއަށްއޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި އެކިއެކި ދާއިރާތަކުން ފުލީ ފަންޑެޑް ޓްރެއިނިން ޕްރޮގްރާމުތަކެއް، ސްކޮލަޝިޕްތަކެއް ހަމަޖެހިގެންދިޔައީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޗައިނާއާއެކު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ދާއިރާތަކަކީ ޑިޒާސްޓާ ރިޑަކްޝަންގެ ދާއިރާ އާއި މަސް ޕްރޮސެސް ފެކްޓަރީތައް ހިމެނޭގޮތުން މަސްވެރިކަމުގެ އިންޑަސްޓްރީ ފުޅާކޮށް ތަރައްގީކުރުމާއި، ޑިޖިޓަލް އިކޮނޮމީ ޑިވެލޮޕްކުރުމުގެ ދާއިރާ އާއި ލޯ ކާބަން ގްރީން އިކޮނޮމީ ޑިވެލޮޕްމެންޓުގެ ދާއިރާގެ އިތުރުން އިންވެސްޓްމެންޓް އިތުރުކުރުމުގެ ގޮތުންނާއި ޕަބްލިކް ސާވިސް މީޑިއާ ތަރައްގީކުރުމުގެ ދާއިރާ ކަމަށެވެ.

އެކިއެކި ކަންތައްތައް ހިމެނޭގޮތުން، އިކޮނިމިކް ޑިވެލޮޕްމެންޓްގެ ދާއިރާގައި ހިމެނޭ އެންމެ މުހިއްމު ކަމަކީ، އެގްރިކަލްޗާގެ ދާއިރާއިން ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ކުރެއްވި މަސައްކަތްތައްކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެގްރިކަލްޗާ އިންޑަސްޓްރީ ފުޅާކޮށް، ތަރައްގީކުރުމުގެ އިތުރުން، މަދުވެެގެން ދެ ލައްކަ ރައްޔިތުންނަށް ވާވަރަށް ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއްގެ އުފެއްދޭވަރުގެ އެގްރިކަލްޗާ އެސްޓެބްލިޝްމަންޓެއް އުތުރުތިލަފަޅުގައި ގާއިމުކުރުމަށް މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.