މިދިޔަ ސަރުކާރުން ޖެއްސި ދަރަނި ދަންތުރައިން އަރައިގަންނާނީ އިކޮނޮމިކް ޒޯން ފަދަ ކަންކަމުގެ ތެރެއިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް އޮތޯރިޓީއެއް އުފެއްދުމަށް ކެބިނެޓުން ދާދިފަހުން ނިންމާފައިވާނެ ކަމަށާއި އޭގެ ދަށުން ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭޝަލް ސެންޓަރުތައް ގާއިމުވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މިދިޔަ ސަރުކާރުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ވައްޓާލާފައިވާ ދަރަނި ދަންތުރައިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަރައިގަންނާނީ މިފަދަ ކަންކަމުގެ ތެރެއިން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މިނިވަންކަން ގާއިމުކުރާނަން. އަދި އެހެން ދާއިރާތަކުން ވެސް ގާއިމުކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ފުޅާކުރަން ނިންމާފައިވާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯންތައް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި މިހާރު އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނިން ކުރަން ރާވާފައިވާ މަސައްކަތްތަކަށް ވެސް ރައީސް އަލިއަޅުވައިލެއްވިއެވެ.
"އަޅުގަނޑުމެން މިހާރު އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީން ރާއްޖޭގައި އިރާދަކުރެއްވިއްޔާ ގާއިމުކުރާ ފްރީ ޒޯނުގައި ބޭރުން ގެނެވޭ އެކިއެކި މުދާތައް، އެއީ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން މެޓީރިއަލާ މިހުރިހާ ތަކެތި ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދި، ގާއިމުކުރެވި، ގެނެވި އަދި އެހެން ދިމަދިމާލަށް ރީއެކްސްޕޯޓު ކުރުމުގެ ވިސްނުމުގައި އިކޮނޮމިކް ޒޯނެއް ގާއިމުކުރުމަށް ނިންމާފައި މިވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، ޗައިނާއަށް ކުރެއްވި ދަތުރުފުޅުން އެކި ދާއިރާތަކުގެ ތަރައްގީއާއި، އެކި މަޝްރޫއުތަކަކަށް އެގައުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު