ރާއްޖެއަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން ކަމަށާއި ޗައިނާއިން ރާއްޖޭގެ ކަންކަމަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަށް ފުރިހަމައަށް ސަޕޯޓުކުރާ ކަމަށާއި ރާއްޖެއަކީ ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ނުވަ ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ގައުމެއް ކަމަށެވެ.
"މި ކަނޑުގައި އެއް ގައުމަކަށް އެއް ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހިރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ، މި ކަނޑު ނިސްބަތްވާ ވަށާލެވިފައިވާ ހުރިހާ ގައުމުތަކަކަށް ވެސް ނިސްބަތްވާ ކަނޑެއް. އަދި އެއްވެސް ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދު ވެސް މާބޮޑު. އަޅުގަނޑުމެންނަކީ ވަރަށް ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓެރިޓޯރިއަލް އިންޓެގްރިޓީގެ އަސާސަކީ ޗައިނާއިން ވަރަށް ބޮޑަށް އިހުތިރާމު އަދާކުރާ އަސާސެއް ކަމަށާއި އެތެރޭގެ ކަންކަމަކަށް ޗައިނާއިން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައި އިށީނުމަށް ވެސް ވަކި ބައެއްގެ ހުއްދަ ހޯދަން ޖެހޭ ތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ. އެހެންވީމާ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ނުރަނގަޅު ގޮތް އެއީ ދެގައުމުގެ ދޭތެރޭގައި ގުޅުން ރަނގަޅުކުރުމުގައި އޮންނަން ޖެހޭނެ ހަމައެއް ނޫން. އެހެންވީމާ މި ހަތަރު އަސާސްގެ މައްޗަށް ޗައިނާއާއި ރާއްޖެއާ ދޭތެރޭގައި ގުޅުން ގާއިމުކުރެވިފައިވަނީ. އެގޮތުގައި އަޅުގަނޑުމެން މި ގަބޫލުކުރާ މި ހަތަރު އަސާސްގެ މައްޗަށް އަޅުގަނޑުމެންނާ ގާތް ގުޅުން އޮންނާނެ ހުރިހާ ގައުމަކާ ވެސް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދޭތެރޭގައި އޮންނަ ގާތް ގުޅުމަކީ ވަރަށް ނަމޫނާ ގުޅުމެއް ކަމަށާއި ދެ ގައުމުގެ ދޭތެރޭގައި މި އޮންނަ ގުޅުން ބިނާވެގެންވަނީ މައިގަނޑު ހަތަރު ޕްރިންސިޕަލެއް، އަސާސެއްގެ މައްޗަށް ކަމަށެވެ. އަދި ވަން ޗައިނާ ޕޮލިސީއަކީ މި ސަރުކާރުން ފުރިހަމައަށް ގަބޫލުކުރާ ޕޮލިސީއެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު