ޗައިނާއިން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެއްވި މީޑިއާ ސްޓޭޓްމެންޓްގައި ރައީސް ވިދާޅުވީ، 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހަމަޖެހިގެން ދިޔައީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.

"ހިލޭ އެހީގެ ގޮތުގައި 920 މިލިޔަން ޗައިނާ ފައިސާ އެއީ ގާތް ގަނޑަކަށް 130 މިލިޔަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީ ވަނީ ހަމަޖެހިފައި، ރާއްޖޭގައި އަޅުގަނޑުމެން ކަނޑައަޅާ ތަރައްގީގެ އެކި ކަންކަމަށް، މަޝްރޫއުތަކަށް ހޭދަކުރަން، އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ހަރަދުކުރަން ކަނޑައެޅިފައި ވަނީ މާލޭގެ މަގުތައް ހެދުމަށް،"

އޭގެ އިތުރުންވެސް ގިނަ ކަންތައްތަކެއް އޭގެ ތެރެއިން ކަވަރުވެގެންދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ފުށިދިއްގަރުފަޅުގައި މި ސަރުކާރުން އަލަށް އުފައްދާ ޝަހަރު، "ރަސްމާލެ" ގައި 30،000 ސޯޝަލް ހައުސިން ޔުނިޓް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ވާންޖެހޭ އެއްބަސްވުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ޔުނިޓް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ވާންޖެހޭ އެއްބަސްވުމާއި ވެލާނާ އެއާޕޯޓް މީގެ ދެތިން ދުވަސް ކުރިން އިފްތިތާހު ކުރި ކޮންސެޕްޓްގައި ވާ ފެންވަރަށް އެ ފުޅާމިނުގައި ވެލާނާ އެއާޕޯޓް ފުޅާ ކުރުމަށްޓަކައި މަސައްކަތް ކުރުމާއި މިކަންތައްތައްވެސް އޭގެ ތެރޭގައި ހިމެނޭގޮތަށް އެއްބަސްވުންތައް ހެދިގެންދިޔައީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ފުޑްސެކިއުރިޓީ އާއި ރިނިއުބަލް އެނާޖީގެ އިތުރުންވެސް ވިޔަފާރިއާބެހޭ އެކި ދާއިރާތަކުން ޗައިނާއާ އެކު އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވާ ކަމަށެވެ.