މާލޭ ސޓީ މޭޔަރުކަމުގެ މަގާމުގައި ކުރިން ހުންނެވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިްޔާ ކަމުގެ މަގާމަށް އިންތިހާބު ވުމާ ގުޅިގެން ހުސްވި މާލޭ ސީޓީގެ މޭޔަރު ކަމުގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ކުރިއަށްދާ އިރު، ކެމްޕެއިންގައި ފެނިގެންދިޔަ ފޯރި ވޯޓުލުމުގައި އަދި ފެނިގެނެއްނުދެއެވެ.
މިއަދު ކުރިއަށްދަނީ މާލޭ ސިޓީ މޭޔަރުކަމުގެ މަގާމުގެ ބައި އިލެކްޝަން އާއި އެ ކައުންސިލުން ހުސްވެފައިވާ މާފަންނު ދެކުނު ދާއިރާ އާއި މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ ބައި އިލެކްޝަނެވެ. އެ ގޮޑިތައް ހުސްވީ މީގެ ކުރިން އެ މަގާމުތަކުގައި ތިއްބެވި މެންބަރުން، ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަން ކުރެއްވުމާ ގުޅިގެން އެ ބޭފުޅުން މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ވޯޓުލާން ފަށައިގެން ވޭތުވެދިޔަ ހަތަރު ގަޑިއިރަށް ބަލާއިރު 12:00 އާ ހަމައަށް ވޯޓުލާފައި ވަނީ 11.07 ޕަސެންޓް މީހުންނެވެ. އެއީ 6،201 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 4.63 ޕަސެންޓް ކަމަށްވާ 2،595 އަންހެނުންނާއި 6.44 ޕަސެންޓް ކަމަށްވާ 3606 ފިރިހެނުންނެވެ. އެހެންކަމުން އަދި 88.93 ޕަސެންޓް މީހުން ވޯޓުލާކަށް ނުނިކުމެއެވެ. އެއީ 49،801 މީހުންނެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 56،002 ކަމަށެވެ. އެއީ 27،381 އަންހެނުންނާއި 28،621 ފިރިހެނުންނެވެ.
މިއަދުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:00 އާ ހަމައަށެވެ.
މީގެކުރިން ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްގެންދަން އޮތް ނަމަވެސް ހަވީރު 5:00 އަށް ވޯޓުލުމުގެ މުއްދަތު އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމީވެސް ވިއްސާރަވެ މޫސުން ގޯސްވެއްޖެނަމަ، ވޯޓުލުމަށް ދަތިވެދާނެތީ، ވީހާވެސް ގިނަ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ދިނުމަށްޓަކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު