މާލޭގެ މަގުތަކުން ފެން ހިނދެންދެން ޒަރޫރީ ބޭނުންތަކަށް ނޫނީ ހަތަރު ފުރޮޅުލީ އުޅަނދުތައް ނުދުއްވުމަށް ފުލުހުން އެދެފިއެވެ.

ފުލުހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބޯކޮށް ވާރޭ ވެހި މާލޭ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ފެން ވަންނަމުންދާތީ، ފެންގަނޑު ހިނދި، އާންމު ހާލަތަށް އަންނަންދެން ބަރު އުޅަނދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުންތަކަށް ނޫނީ ނުދުއްވުމަށް ދަންނަވާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ 144 ގެއަކަށް ގެއްލުންވެފައިވާ ކަމަށާއި އަށް ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެނެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުންޏެވެ. އަދި މާލޭގެ އިތުރުން ހަތަރު ރަށެއްގައި ފެންބޮޑުވި އިރު، އެންމެ ބޮޑަށް ގެއްލުންވީ މާލެއަށް ކަމަށް ބުންޏެވެ.

ކ. އަތޮޅުން ލ. އަތޮޅަށް ބޯކޮށް ވާރޭ ވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެ ސަރަހައްދުތަކަށް ރީނދޫ އެލާޓް ނެރެފައެވެ.