ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅަކީ އެގައުމުގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރެއްވި ދަތުުރުފުޅެކެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ކެބިނެޓުގެ ބައެއް މިނިސްޓަރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަވަޑައިގެންނެވިއެވެ.
އެ ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ފުޖިއާން ޕްރޮވިންސަށެވެ. ފުޖިއާން ޕްރޮވިންސްގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން އިންވެސްޓާސް ފޯރަމެއް ބާއްވާފައިވާ އިރު، ހުޅުމާލޭގައި ކޮމާޝަލް ހަ އިމާރާތެއް ހެދުމަށް ޗައިނާގެ ކުންފުންޏަކާއެކު އާބަންކޯއިން އެ ފޯރަމުގެ ތެރެއިން ސޮއިކޮށްފައިވެއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާއި ޕޯޓު ހެދުމުގެ މަޝްރޫއަށް އިންވެސްޓަރުން ހޯދަން ހުޅުވާލާފައިވެއެވެ.
އެއަށްފަހު ރައީސް ބެއިޖިންއަށް ވަޑައިގެންނެވުމުން ރައީސް ޝީ ޖިން ޕިން ވަނީ ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވައި، 21 ބަޑީގެ ސަލާމެއް އަރުވައިފައެވެ. ރައީސްގެ ދެކަނބަލުންނަށް ހާއްސަ ޖާފަތެއްވެސް ބާއްވާފައިވާ އިރު، ރަސްމީ މަޝްވަރާ ބައްދަލުވުންތައްވެސް ބޭއްވިއެވެ.
ޗައިނާއާއެކު ރާއްޖޭން 20 އެއްބަސްވުމެއް ވެފައިވެއެވެ. އޭގެ ތެރޭގައި ރަސްމާލޭގައި ސޯޝަލް ހައުސިން ޔުނިޓް އިމާރާތްކުރުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.
ދެ ގައުމު ގުޅިގެން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ޗައިނާގެ ސިޔާދަތަށް ބުރޫއަރާ ފަދަ އެއްވެސް ގުޅުމެއް ޓައިވާނާއެކު ނުބާއްވަން ރާއްޖޭން ޗައިނާއާއެކު އެއްބަސްވެފައިވާ ކަމަށެވެ. އަދި ޗައިނާއިންވެސް ވަނީ ރާއްޖޭގެ ދާހިލީ ކަންކަމަށް އެހެން ގައުމުތަކުން ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ބުނެފައެވެ.
އެ ދަތުރުފުޅުގެ ތެރެއިން ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރަންވެސް މަޝްވަރާކުރައްވާފައިވާ އިރު، އިންވެސްޓާސް ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަށް ހެދުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ޓޫރިޒަމް ފުޅާކުރުމަށް ރާއްޖެއާއި ޗައިނާއާ ދެމެދު ކުރާ ސިދާ ދަތުރުތައް އިތުރު ކުރުމަށްވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު