ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ 144 ގެއަކަށް ގެއްލުންވެ، 8 ގެއެއްގެ މީހުންނަށް ވަގުތީ ބޯކިޔާވަހިކަން ހަމަޖައްސައިފިއެވެ.
ނެޝަނަލް ޑިޒާސްޓާ މޭނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެއާއި ހަތަރު ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ އަދި ދ. ކުޑަހުވަދޫ ހިމެނޭ އިރު، އެންމެ ބޮޑު ގެއްލުމެއް ލިބުނީ މާލޭގެ ގެތަކަށް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެގޮތުން، 144 ގެއަކުން އެހީތެރިކަމަށް އެދިފައިވާ އިރު، 132 ގެއަކަށް މިހާރު އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. 91 ގެއެއްގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށާއި 8 ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދީ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.
މާލެ ސަރަހައްދަށް މިއަދު ބޯކޮށް ވާރޭ ވެހެމުންދާ އިރު، މާލޭގެ މަގުތައް ވަނީ ފެންބޮޑުވެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފައިވާ އިރު، ހދ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވަނީ ހުދު އެލާޓް ނެރެފައެވެ.
މިދިޔަ އަންގާރަ ދުވަހު މެޓް އޮފީހުން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރާ ވިއްސާރައެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު