ޗައިނާގެ ނެޝަނަލް ސެޓަލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރު (އެންއެސްއެމްސީ) އާއި އެކްގަރިކަލްޗާ ސައިންސް އެކަޑަމީން ރާއްޖޭގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އެންއެސްއެމްސީއާއި އެގްރިކަލްޗާ ސައިންސް އެކަޑަމީން އެގޮތަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދެ ތަނަށް ޒިޔާރަތްކުރެއްވުމުންނެވެ.

ރައީސް އޮފީހުން ބުނީ ބެއިޖިންގައި ހުންނަ އެންއެސްއެމްސީއަށް ޒިޔާރަތްކުރައްވައި އެ ސެންޓަރުގެ މުހިންމު މަސައްކަތްތަކާއި ހާއްސަ ކާމިޔަބީތައް ހިމެނޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ރައީސް ބައްދަލަވައިލެއްވި ކަމަށެވެ. އެ ޒިޔާރަތުގައި ރައީސްގެ އަރިހުގައި އެ ދަތުރުފުޅުގައި ރައީސާއެކު ވަޑައިގެންނެވި ވަފުދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެގްރިކަލްޗާ ސައިންސް އެކަޑަމީއަށް ވަޑައިގެން އެތަނުގެ މަސައްކަތްތައްވެސް ރައީސް ބައްލަވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެތަނުގެ ބައެއް އީޖާދީ ކަންކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ތަފްސީލީ މައުލޫމާތު އެތަނުން ރައީސަށް ދެއްވި ކަމަށް ބުންޏެވެ.

ރައީސް މިހާރު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ފަސް ދުވަހުގެ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގެ ތެރެއިން ރައީސް ޝީ ޖިން ޕިންއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާފައިވާ އިރު، ޗައިނާ ސަރުކާރުގެ އިސްވެރިންނާވެސް ރައީސް ބައްދަލުކުރައްވާފައިވެއެވެ.