މަގާމާ ހަވާލުވެވެޑައިގެންނެވި އިރު، ކުރީ ސަރުކާރުން ފަށާފައިވާ 64 މަޝްރޫއެއް އޮތީ ހުއްޓިފައި ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްފައިވާ 64 މަޝްރޫއު ކަމަށެވެ. އެ ދެ ކުންފުންޏާ ހަވާލުކުރި 83 މަޝްރޫއެއްގެ މަސައްކަތް ފަށާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"މީގެ އިތުރުން ފެނަކަ، އެމްޑަބްލިޔުއެސްސީ އަދި އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވިފައިވާ ވަރަށް ގިނަ މަޝްރޫއެއްވެސް ހުރީ ނުފެށި ނުވަތަ މަސައްކަތް ހުއްޓިފައެވެ. ސަރުކާރުގެ އަމާޒަކީ ހުއްޓިފައިވާ ހުރިހާ މަޝްރޫއެއް ވީހާވެސް އަވަހަކަށް ފެށުމެވެ..،" މިނިސްޓަރު ވިދާޅުވިއެވެ.

މުއްތަލިބު މިހެން ވިދާޅުވީ ކުރީ ސަރުކާރުން ފެށި ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހުއްޓަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނިކޮށެވެ. ރައީސް ސޯލިހު އެ މޭރުމުން ވާހަކަ ދެއްކެވީ އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ އާދަމް އާޒިމްގެ ކެމްޕޭނަށް ރޭ ބޭއްވި "ފެހި ތަނަވަސް މާލެ" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ހިތާމައަކީ އަޅުގަނޑުމެން ކުރަން ފެށި އެތައް މަސައްކަތެއް މި ސަރުކާރުން ވަނީ ހުއްޓާލާފައި. މިއަކީއެއް މާލެ ވަށައިގެން ތަންކޮޅެއް ހިއްކައިގެން ހައްލުވާނެ ކަމެއް ނޫން. ދާއިމީ ހައްލެއް ލިބޭނީ މުޅި ރާއްޖެ ތަރައްގީކޮށްގެން،" ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހު ވިދާޅުވީ މަޝްރޫއުތައް ހުއްޓަމުން ދާއިރު ރައްޔިތުން ބަލަން ނުތިބޭނެ ކަމަށެވެ.