ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި ބަންދުން ދޫކޮށްލި ފިލްމީ ތަރި މުހައްމަދު ޔުނާން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަލުން އަމުރުކޮށްފިއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން، ޔުނާން ދޫކޮށްލުމަށް އަމުރުކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާއަށް ނޫނީ ބޭރަށް ނުނިކުތުމަށާއި ޔުނާންގެ ދަރިންވެސް ހިމެނޭ ގޮތަށް ކުޑަކުދިންނާ އެކްސެސް ނުވުމަށާއި މައްސަލައިގައި އަނިޔާ ލިބުނު އެއްވެސް ފަރާތަކާ މުއާމަލާތް ނުކުރުމަށާއި ދިރިއުޅޭ ތަން ކޯޓަށް އެންގުމަށާއި މާލެއިން ނުވަތަ ރާއްޖެއިން ފުރާނަމަ ކޯޓުން ހުއްދަ ނެގުމުގެ އިތުރުން މީޑިއާއަށް އެއްވެސް މައުލޫމާތެއް ނުދިނުމެވެ.

އެ އަމުރު ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި 24 ޑިސެމްބަރު 2023 ގައި އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފީ ނުކުތާގައި ދައުލަތުން ވިދާޅުވެފައިވަނީ ޔުނާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެ މައްސަލައިގައި ހެކިބަސް ނަގައި ނިމިފައިވީ ނަމަވެސް، ޔުނާންގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލަށް ބަދަލު އައިސްފައިވާގޮތެއް ދަށު ކޯޓުން ޔުނާން ބަންދުން ދޫކޮށްލުމަށް ނިންމި އަމުރުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

އެ މައްސަލައިގައި ޔުނާން ބަންދުން ދޫކޮށްލަން ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކުރީ މިދިޔަ ބުދަ ދުވަހުއެވެ. އެގޮތުން ފަނޑިޔާރު މަޒީދު އިއްވި ހުކުމުގައި ވިދާޅުވީ، ޔުނާން ބަންދުން ދޫކޮށްލުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ބާތިލުކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދައުލަތުން ޔުނާން ބަންދުކުރުމަށް ހުށަހަޅައިފިނަމަ، ދަށު ކޯޓުން އެއާ މެދު ގޮތެއް ނިންމަށް އަމުރުކޮށް، މައްސަލައިގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފިން ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހިން މިއަދު ބުނީ ފުލުހުން ޔުނާން ހައްޔަރުކުރީ އިއްޔެ ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޔުނާންގެ މައްސަލަ މިހާރު އޮތީ ހެކި ނަގައި ނިންމައި ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.