މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ މީހުންނަށް މިހާރަށްވުރެ ހަރުކަށި އަދަބުތައް ކަނޑައެޅުމަށް ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރަނީ މުސްލިމު ގައުމުތަކުން އެކަނި ނޫން ކަމަށާއި ޣައިރު މުސްލިމު ބައެއް ގައުމުތަކުގައި މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އުގޫބާތް ދެމުންދާ ކަމަށެވެ.
"މި ރާއްޖޭގައި ވެސް އެފަދަ މީހުންނަށް މިހާރު އޮންނަ ވަރަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައެޅުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. މި ސުންޕާ ވަބާ އަހަރެމެންގެ މުޖުތަމައުން ފުހެލުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށް، އެންމެން ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަން ވެއްޖެއެވެ." ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މާތްﷲ އިންސާނާއަށް ބުއްދި ދެއްވާފައި ވަނީ ވިސްނައި ފިކުރުކޮށް، ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށް ޓަކައި ކަމަށާއި ރަނގަޅުގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހުންގެ ދަރަޖަ، އެކަލާނގެ ހަޒުރަތުގައި ހައިވާނުންގެ ދަރަޖައަށްވުރެ ވެސް ދަށްވެގެންވާ ކަމަށެވެ. އެހެންކަމުން ބުއްދިއަށް ރައްކާތެރިވުމަކީ އިސްލާމީ ޝަރީއަތުގެ އެންމެ މުހިންމު މަގުސަދުތަކުގެ ތެރޭގައި ލައްވާފައިވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
"ޝައްކެއް ނެތް ގޮތުގައި މަސްތުވާތަކެއްޗަކީ ހަމަ ބުއްދިއާއި ހެޔޮ ވިސްނުމުން މީހާ އެއްކިބާކޮށްލާ އެއްޗެކެވެ. އެތަކެތި ބޭނުންކުރަން ފެށުމުން ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން، މި ޒަމާނުގެ ދިރާސާތަކުން ސާބިތުވެއެވެ. ހެރޮއިން އާއި ކޮކޭން ފަދަ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ސިކުނޑިއަށް އަންނަ ބަދަލުތަކެއް ސަބަބުން ސިކުނޑިން ރަނގަޅު ނޫން މެސެޖުތަކެއް ދޭން ފަށައެވެ. އެހެންކަމުން އެމީހުންގެ ކިބައިން އާދަޔާހިލާފު އަމަލުތައް ފެނެއެވެ. ކަންބޮޑުވެ ހާސްވެގެން އަމިއްލައަށް މަރުވާ ހިސާބަށް ވެސް ހިނގައިދެއެވެ. މިހެން ދިމާވަނީ މަސްތުވާތަކެތި ބޭނުންކުރުމުން ސިކުނޑީގެ ބައެއް ސެލްތައް ހަލާކުވާތީއެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ މަސްތުވާތަކެތި ބޭނުންކުރުމުން އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ހިމަ ނާރުތަކަށް ވެސް ގެއްލުން ފޯރާ ކަމަށާއި އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލި ކަމުގައިވިޔަސް، ވަރުގަދަ އީމާންކަމެއް ނެތް ނަމަ، އެމީހަކު އެއާ ދިމާއަށް އެނބުރި ދިއުމީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު