މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް، ސަރުކާރަށް ޖެއްސުން ނުކުރާނެ ކަމަށާއި މޭޔަރުގެ މަގާމަށް އިންތިހާބުވުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ސިޓީ ކައުންސިލުގެ މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ޖަލްސާ "ފެހި. ތަނަވަސް.މާލެ" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުން ބޭނުންވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ޓްރެފިކް ތޮއްޖެހުމާއި، މަގުތަކުގެ މައްސަލަތައް އަދި ބުޅަލުގެ ސަބަބުން ދިމާވާ އުނދަގޫތަކުން ސަލާމަތްވާން ކަމަށެވެ. އެކަންކަމަކީ ސިޓީ ކައުންސިލުން ކުރުމަށް ގާނޫނުން މަތިކޮށްފައިވާ ކަންކަންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ނަމަވެސް މިހާރު އޮތް ސިޓީ ކައުންސިލުން ވަނީ އެކަންކަމަށް އިހުމާލުވެފައި ކަމަށް ވިދާޅުވިއެވެ. އެ ކައުންސިލުން މާލެއަށް ރަނގަޅު ބަދަލުތަކެއް ގެންނަ މަންޒަރު ނުފެންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މޭޔަރަކަށް އާދަމް ނުކުމެ އެ ހުންނެވީ އަޅުގަނޑު މިދެންނެވިހެން ގާނޫނީ ގޮތުން ކައުންސިލަށް މަތިކޮށްފައި ހުރި ކަންތައްކުރަން. އިތުރު ސަރުކާރެއް ހަދައިގެން ވަކި ވެރިކަމެއް ކުރާކަށް ނޫން. އަދި ނޫނިއްޔާމުން މިހާރު މިއޮތް ސަރުކާރަށް ޖެއްސުންކުރާކަށެއް ވެސް ނޫން. ރައްޔިތުންނަށް ހިދުމަތްކުރަން. އަޅުގަނޑު މިދެންނެވި ކަންކަމަށް ހައްލު ހޯދައިދިނުމަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މިހާ ދުވަސްވަންދެން މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ކައުންސިލް ހިންގާކަށް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މުއިއްޒު ބޭނުންވީ ކައުންސިލް ތެރެއިން ސަރުކާރެއް ހިންގައި، ކައުންސިލުގެ ތެރެއަށް ބާރުތައް ޖަމާކުރަން ކަމަށެވެ.

ގާނޫނުން ދީފައިނުވާ އެތައް ކަމެއް ކައުންސިލުގެ ދަށަށް ގެނެސް، އެކަންތައް ކުރަން މިހާރުގެ ކައުންސިލުން ބޭނުންވި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެމްޑީޕީން ރާއްޖެއަށް ލާމަރުކަޒީ ގާނޫނު ތައާރަފުކުރީ އެގޮތަށް ކަންކަން ކުރަން ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލް ހިންގަން އެނގޭނީ އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ އާދަމް އާޒިމަށް ކަމަށާއި، އާޒިމް އެ ހުންނެވީ އެ މަސައްކަތް ކުރަން ނުކުމެވެޑައިގެން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.