މާލޭ ސިޓީގެ މޭޔަރުގެ މަގާމު އޮތީ އެމްޑީޕީގެ އަތުގައި ކަމަށާއި މިފަހަރު ގޯހެއް ހަދައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ސިޓީ ކައުންސިލުގެ މަގާމުތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާ "ފެހި.ތަނަވަސް.މާލެ" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އަބަދުވެސް ކެމްޕޭން ކުރަމުންދާ ގޮތަށް މި ބައި އިލެކްޝަނުގެ ކެމްޕޭން ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން ޑޯޓުޑޯ، އެސްއެމްއެސް އަދި ފޯނުން ގުޅައިގެންނާއި މާލޭގެ ރައްޔިތުންނާ ސީދާ ބައްދަލުކޮށް، ކެމްޕޭން ކޮށްފައިވާ ކަމަށް ސޯލިހު ވިދާޅުވިއެވެ.

"ނަމަވެސް ކުރިއަށް މިއޮތް މި ރެއާއި މާދަމާ އަޅުގަނޑުމެން އެކުއެކީގައި އަދި އިތުރަށް މަސައްކަތްކޮށްލަން އެބަޖެހޭ. އަޅުގަނޑުމެން މިފަހަރު މިސްޓޭކު ހަދައިގެން ނުވާނެ. މިއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން އަތުގައި އޮތް އިންތިހާބެއް،" ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ފަރާތުން މޭޔަރުގެ މަގާމަށް ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަކީ، މާލޭގެ މޭޔަރުގެ މަގާމަށް އެންމެ އެކަށީގެންވާ ގާބިލު ކެންޑިޑޭޓު ކަމަށެވެ. އާޒިމް ވަނީ އެމްޓީސީސީ އަދި އެމްޑަބްލިޔުއެސްސީގައި ހުންނަވައިގެން އޭނާގެ ހިންގުންތެރިކަން ސާބިތުކޮށްދީފައި ކަމަށެވެ. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އެހާ އަވަހަށް ބާރު މިނުގައި ކުރިއަށް ގެންދެވުނީ އާޒިމްގެ ހިންގުތެރިކަމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

އާޒިމް، މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ އެ ހިންގުތެރިކަމުގެ ތަޖުރިބާގައި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.