އެމެރިކާގައި ބޮއިން 737 މެކްސް މަރުކާގެ ބޯޓުތައް ދުއްވުން މަނާކޮށްފިއެވެ.

އެމެރިކާގެ އަލަސްކާގެ ފްލައިޓެއްް ރަންވޭ އިން ނައްޓާލުމާއެކު ޕްރެޝަރު މަތިވެ، ފުލައިޓުގެ ކުޑަދޮރު ހިމެނޭ ޕެނަލެއް ފުލައިޓާ ވަކިވެ އެ ފުލައިޓު އިމަޖެންސީގައި ޖެއްސުމާއެކު އެ މަރުކާގެ ފްލައިޓުތަކުގައި އެފަދަ ހާދިސާއެއް ހިނގަން މެދުވެރިވާނެ ސަބަބެއް ހުރިތޯ ބެލުމަށް ހެދި ޓެސްޓުތަކުން ވަނީ އެއީ 737 މެކްސް މަރުކާގެ ފްލައިޓުތަކުގެ ކުޑަދޮރު ހިމެނޭ ޕެނަލްތަކުގައި ހުރި މައްސަލައެއް ކަމަށް ފާހަގަވެފައެވެ.

ދުނިޔޭގެ ގިނަ އެއާލައިންތަކުން ވަނީ 737 މެކްސް މަރުކާގެ ފްލައިޓުތައް ރައްކާތެރިތޯ ބެލުމަށް ހާއްސަ ޓެސްޓުތައް ހަދައި އެކަމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މައްސަލަތައް ބަލަން ފަށާފައެވެ.

އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވެސް ވަނީ އެކަމުގައި ހާއްސަ ތަހުގީގެއް ހިންގައި ލިބުނު މައުލޫމާތުތަކަށް ބަލައި އެ ގައުމުގައި ދަތުރުކުރާ 737 މެކްސް މަރުކާގެ 171 ބޯޓު ދަތުރުކުރުން މަނާކޮށްފައެވެ.

ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ޓެކްނިކަލް ޓީމުތަކުން ވަނީ އެ ތަހުގީގުގައި އިތުރު ކަންކަން ވެސް ބަލައި ތަހުގީގު ފުރިހަމަކޮށް ރައްކާތެރިކަން ކަށަވަރު ވުމުން ފްލައިޓުތައް ދުއްވުމުގެ ހުއްދަ ދޭނެކަމަށް ބުނެފައެވެ.