ގަލްފު ކަނޑުން ދަތުރުކުރި ތެޔޮ ޓޭންކަރެއް އިރާނުން ހިފައިފިއެވެ.

ގަލްފު ކަނޑުގައި އޮމާން ޕޯޓާއި ގުޅޭ ސަރަހައްދުން އިރާނުގެ ހަތިޔާރު އެޅި ބަޔަކު އަރައި ހިފާފައިވަނީ މާޝަލް އައިލެންޑްސް އަށް ނިސްބަތްވާ ތެޔޮ ޓޭންކަރެއް ކަމަށް އޮފިޝަލުން ބުނެއެވެ.

އިރާނުން ވަނީ އެމެރިކާއިން މެދުއިރުމައްޗަށް ތެޔޮ އުފުލަން ބޭނުންކުރާ ތެޔޮ ޓޭންކަރެއް އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބުނެފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ ޓީވީން ވަނީ ރިޕޯޓުކޮށްފައެވެ.

އިނގިރޭސި މެރިޓައިމް ޓްރޭޑް އޮޕަރޭޝަނުން ވަނީ އެ ތެޔޮ ޓޭންކަރު ހިފާފައިވަނީ މޫނު ނިވާކޮށް ހަތިޔާރާއެކު އެ ޓޭންކަރަށް އެރި ފަސްމީހަކު ވެގެން ކަމަށް ބުނެފައެވެ.

އޮފިޝަލުން ވަނީ އެ ތެޔޮ ޓޭންކަރު މިހާރު ދަތުރުކުރަމުން ދަނީ އިރާނުގެ ބަނދަރަކަށް ކަމަށް ބުނެފައެވެ. ނަމަވެސް ތެޔޮ ޓޭންކަރުގެ މުވާސަލާތީ ހިދުމަތްތައް ކަނޑާލާފައިވުމުން ޓޭންކަރު އޮތް ސީދާ ސަރަހައްދު ވަނީ ނުހޯދިފައެވެ.

އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ގަތުލްއާންމުގެ ސަބަބުން އަރަބި ކަނޑާއި ގަލްފު ގުޅޭ ސަރަހައްދުން ދަތުރުކުރާ މަނަވަރުތަކަށް ހަނގުރާމަވެރި ޖަމާއަތްތަކުން ގެންދަނީ ހަމަލާ އަމާޒުކުރަމުންނެވެ.