ކުރީ ސަރުކާރުން ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާކަން އިއުލާނުކުރުމާ ގުޅިގެން އެ ރަށު ކައުންސިލުގެ ނަން، "ތިނަދޫ ސިޓީ ކައުންސިލް" އަށް ބަދަލުކުރުން ގާނޫނު އަސާސީއާ ހިލާފު ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.
ތިނަދުއަށް ސިިޓީއެއްގެ ދަރަޖަ ދެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ތިނަދޫ ކައުންސިލުން ވަނީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާތީ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި އެލްޖީއޭއަށް ހުށަހަޅައިފައެވެ.
އެ މައްސަލަ ބެލުމަށްފަހު އެލްޖީއޭގެ ބޯޑުން މިދިޔަ އަންގާރަ ދުވަހު ނިންމީ، އާ ކައުންސިލެއް އިންތިހާބުވުމާ ހަމައަށް މިހާރު އޮތް ކައުންސިލް ދެމިއޮންނާނީ ރަށު ކައުންސިލެއްގެ ގޮތުގައި ކަމަށެވެ.
އެލްޖީއޭ އިން ބުނީ ތިނަދޫ، ސިޓީއަކަށް ބަދަލުކޮށްފައިވަނީ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށްވާ އިރު، އެ މާއްދާގައި ސިޓީއަކަށް ބަދަލުވި ނަމަވެސް ބާރުތަކާއި ޒިންމާތައް ލިބޭނީ ރަށު ކައުންސިލަށް ކަމަށާއި ދައުރު ހަމަވަންދެން އެގޮތަށް އޮންނާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެލްޖީއޭގެ ނިންމުމުގައި ވަނީ، ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމަށްފަހު، އާ ކައުންސިލެއް އިންތިހާބު ކުރެވެންދެން އެ ކައުންސިލުވެސް ހިންގާފައިވަނީ ރަށު ކައުންސިލެއްގެ ގޮތުގައިކަން ފާހަގަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު