ޗައިނާއަށް މިނިވަންކަން ހޯދައިދިނުމަށް ގުރުބާންވި އަބުތޯލުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިހުތިރާމު އަދާކުރައްވައިފިއެވެ.

ރައީސް މުއިއްޒު އެ ފަރާތްތަކަށް އިހުތިރާމު އަދާކުރެއްވީ ބެއިޖިންގައި ހުންނަ "މޮނިއުމެންޓް ޓު ދަ ޕީޕަލްސް ހީރޯސް (ރައްޔިތުންގެ ބަދަލުންގެ ހަނދާނީ ބިނާ)" ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސްގެ ފަރާތްފުޅުން ހަނދާނީ މާބޮނޑިއެއް އަރުވާފައިވާއިރު ހަމަހިމޭންކަމުގެ ސުކޫތެއް ގެނުވާފައި ވެއެވެ.

އެ ރަސްމިއްޔާތުގައި އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ހަނދާނީ ބިނާއަކީ 19 ވަނަ ގަރުނާއި 20 ވަނަ ގަރުނުގައި ޗައިނާއަށް ކުރިމަތިވި ޗައިނީޒް ރިވޮލިއުޝަން އިން މިނިވަންކަން ހޯދުމަށް ހަނގުރާމަ ކުރި އަބުތާލުންގެ ޒިކުރާ އާކުރުމަށް ބިނާކޮށްފައިވާ ތަނެއް ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މިހާރު އެ ގައުމަށް ކުރައްވާ ފަސް ދުވަހު ދަތުރުފުޅުގައި އިއްޔެ ރައީސް ޝީ ޖިން ޕިންއާ ބައްދަލުކުރައްވާފައިވާއިރު ދެ ރައީސުންގެ ދެމެދުގައި ރަސްމީ ވާހަކަތައްވެސް ބާއްވާފައި ވެއެވެ. ދެ ގައުމުގެ ދެމެދުގައި 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕްގެ އެއްބަސްވުމެއް ވެސް ހިމެނެއެވެ. އަދި މީޑިއާގެ ދާއިރާ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.މިހާތަނަށް އެ ސަރުކާރުގެ އެކި އިސް ފަރާތްތަކާ ބައދަލުކުރައްވާފައި ވެއެވެ.

މިއަދު ދެ ގައުމުން ގުޅިގެން ބަޔާނެއް ނެރެފައިވާއިރު، އެހެން ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ޗައިނާއިން ބުނެފައި ވެއެވެ. އެގޮތުން، ރާއްޖޭގެ ގައުމީ ސިޔާދަތާއި މިނިވަންކަމާއި ގައުމީ ކަރާމާތް ދެމެހެއްޓުމުގައި ރާއްޖޭގެ ގައުމީ ހާލަތަށް ފެތޭ މަގެއް ހޯދުމަށް ޗައިނާއިން ތާއީދުކުރާ ކަމަށާއި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ފޯރުވުމާ ދެކޮޅު ކަމަށް ބަޔާނުގައި ވެއެވެ.

އެއާއެކު ރާއްޖޭންވެސް ވަނީ ޗައިނާގެ ސިޔާދަތަށް ބުރޫއަރާފަދަ އެއްވެސް ގުޅުމެއް ޓައިވާނާއެކު ނުބާއްވާނެ ކަމަށް އެއްބަސްވެފައެވެ. އެގޮތުން "ޓައިވާނުގެ މިނިވަންކަން" ނަމުގައި ހިންގާ ޗައިނާއިން ވަކިވެގަތުމުގެ ހުރިހާ ހަރަކާތަކާ ދެކޮޅު ކަމަށާއި އެއްވެސް ނަމެއްގައި ޗައިނާގެ ދާހިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯވުމާ ރާއްޖޭން ދެކޮޅު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.