އެހެން ގައުމުތަކުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުމާ ދެކޮޅު ކަމަށާއި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ޗައިނާ އިން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެގައުމު ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ސިޔާދަތާއި މިނިވަންކަމާއި ގައުމީ ކަރާމާތް ދެމެހެއްޓުމުގައި ރާއްޖޭގެ ގައުމީ ހާލަތަށް ފެތޭ މަގެއް ހޯދުމަށް ޗައިނާއިން ތާއީދުކުރާ ކަމަށާއި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ފޯރުވުމާ ދެކޮޅު ކަމަށެވެ.
އެއާއެކު ރާއްޖޭންވެސް ވަނީ ޗައިނާގެ ސިޔާދަތަށް ބުރޫއަރާފަދަ އެއްވެސް ގުޅުމެއް ޓައިވާނާއެކު ނުބާއްވާނެ ކަމަށް އެއްބަސްވެފައެވެ. އެގޮތުން "ޓައިވާނުގެ މިނިވަންކަން" ނަމުގައި ހިންގާ ޗައިނާއިން ވަކިވެގަތުމުގެ ހުރިހާ ހަރަކާތަކާ ދެކޮޅު ކަމަށާއި އެއްވެސް ނަމެއްގައި ޗައިނާގެ ދާހިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯވުމާ ރާއްޖޭން ދެކޮޅު ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ދާހިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވުމާ ދެކޮޅު ކަމަށް ޗައިނާއިން ބުނެފައި މި ވަނީ އަވައްޓެރި އިންޑިއާއާ އެކު އޮންނަ ޒަމާންވީ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގައި އެއްވެސް ގައުމެއް ސިފައިން ތިބުމަކީ ރާއްޖޭގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ އިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެކަން އެގޮތަށް އޮއްވައި މައްސަލަ ގޯސްވީ އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި އޮންނަ ލަކްޝަދީޕް ޕްރޮމޯޓު ކުރުމުގެ ނަމުގައި ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފެއްޓެވި ކެމްޕޭނާ ގުޅިގެން، ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ބަދުބަސް ވިދާޅުވުމުންނެވެ. އެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެ، އިންޑިއާގެ ގިނަ ބަޔަކު ވަނީ ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލައި ކެމްޕޭނެއް ފަށައިފައެވެ. އެކަމާ ގުޅިގެން ރާއްޖެއަށް އައުމަށް އިންޑިއާގެ ގިނަ ބަޔަކު ހަދާފައިވާ ބުކިންތައްވެސް ވަނީ ކެންސަލްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު