ޓޫރިޒަމްގެ ދާއިރާއިން ޗައިނާއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް، ދެ ގައުމުގެ ދެމެދުގައި ކުރާ ސީދާ ދަތުރުތައް އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޗައިނާގެ ސްޓޭޓް ކައުންސިލުގެ ޕްރިމިއާ ލީ ގިއަން މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް މަޝްވަރާ ކުރައްވާފައިވަނީ ލީ ގިއަން މިއަދު ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކަމަށެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ބުންޏެވެ.

އެގޮތުން، ރަސްމާލެ މަޝްރޫއާއި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އިތުރުން އީ ކޮމާސްގެ ދާއިރާތަކުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކަށް ޗައިނާއިން ދޭ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ޗައިނާގެ ޗައިނާގެ ސްޓޭޓް ކައުންސިލުގެ ޕްރިމިއާ ލީ ގިއަން ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ސްކޮލާޝިޕްގެ ފުރުސަތުތަކާއި ވޮކޭޝަނަލް ތަމްރީނާއި ކުޅިވަރު ތަމްރީނާއި މަސްވެރިކަމާއި މެރިޓައިމް ކޯޕަރޭޝަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އިކޮލޮޖިކަލް ކޯޕަރޭޝަނާއި މީޓޮރޮލޮޖިކަލް ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ހުށަހެޅުއްވި ކަމަށް ބުންޏެވެ.

ރައީސް މުއިއްޒު އިއްޔެ ޗައިނާގެ ރައީސް ޝީ ޖިން ޕިންއާ ވެސް ބައްދަލުކުރައްވާފައި ވެއެވެ. އަދި ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވާފައިވާއިރު، 21 ބަޑީގެ ސަލާމެއް އަރުވާފައި ވެއެވެ.

ރާއްޖެ އާއި ޗައިނާ އިން ވަނީ 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާއިރު އޭގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕްގެ އެއްބަސްވުމަކާއި ރަސްމާލޭގައި ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގުމަށް އެހީ ދިނުމުގެ އެއްބަސްވުމެއްގެ ހިމެނެއެވެ.

އަދި މީޑިއާގެ ދާއިރާ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.