ޗައިނާގެ ސްޓޭޓް ކައުންސިލުގެ ޕްރިމިއާ އެޗްއީ ލީ ގިއަން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ޒިޔާރަތްކުރައްވައިފިއެވެ.
އެޗްއީ ލީ ގިއަންއަކީ ޗައިނާގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ)ގެ 20 ވަނަ ސެންޓްރަލް ކޮމިޓީގެ ސްޓޭންޑިން ކޮމިޓީގެ މެންބަރެއްވެސް މެއެވެ. ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި އެ ބައްދަލުވުމުގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާމެދު މަޝްވަރާކުރެއްވި ކަމަށެވެ.
ރައީސް މިހާރު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ފުޖިއާން ޕްރޮވިންސަށް ވަޑައިގެން އެކި ތަންތަނަށް ޒިޔާރަތްކުރައްވައި، އިންވެސްޓާސް ފޯރަމެއް ބާއްވާފައިވާއިރު، ބެއިޖިންއަށް ވަޑައިގަތީ އަންގާރަ ދުވަހުގެ ރޭގަނޑެވެ.
ބެއިޖިންއަށް ވަޑައިގަތުމުން އިއްޔެ ޗައިނާގެ ރައީސް، ރައީސް މުއިއްޒުއަށް ރަސްމީކޮށް މަރުހަބާ ދެންނެވިއެވެ. 21 ބަޑީގެ ސަލާމެއް އަރުވާފައިވާއިރު، ދެ ގައުމުގެ ގައުމީ ސަލާމް ކިޔައި، ރައީސާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ހާއްސަ ޖާފަތެއް އަރުވާފައި ވެއެވެ.
އެޔަށް ފަހު ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސްއާ ދެމެދު ރަސްމީ ވާހަކަތައްވެސް ބާއްވާފައި ވެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުންތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނާޝިޕްގެ އެއްބަސްވުމެއް ވެސް ހިމެނެއެވެ. އަދި މީޑިއާގެ ދާއިރާ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމަކާއި ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު